ރެއާލަށް ދާނެކަމަށް އަޑު ފެތުރުނަސް ހަޒާޑުގެ ވިސްނުން ހުރީ ޗެލްސީގައި މަޑުކުރަން

ޗެލްސީގެ ބެލްޖިއަމް ފޯވާޑް އެޑެން ހަޒާޑް --- ފޮޓޯ/ ޖޭމީ ސްމިތް

ޔޫރަޕުގެ ގިނަ ރިޕޯޓުތަކަކުން ޗެލްސީގެ ހުނަރުވެރި ފޯވާޑް އެޑެން ހަޒާޑު ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުފަތުރަމުން ދަނިކޮށް ޗެލްސީ ދޫކޮށް ދިއުމުގެ ވިސްނުން އަދި ނެތް ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ވެސްޓްހަމްއާއި ޗެލްސީ ބައްދަލު ކުރި މެޗުގައި ހިތްގައިމު ދެ ގޯލު ޖަހައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ތިނަކަށް ޗެލްސީ ގެންގޮސްދިނުމުން، އެ ޓީމުގެ ކޯޗު މޯރީޒިއޯ ސަރީ ވަނީ ހަޒާޑުއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ސަރީ ބުނި ގޮތުގައި ހަޒާޑު ގެންދަން 100 މިލިއަންގެ ޕައުންޑުގެ އަގެއް ކިއުމަކީ މާ ކުޑަ އަގެކެވެ.

ވޭތުވެ ދިޔަ ފަސް ވަރަކަށް ސީޒަނުގައި ޗެލްސީއާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަޒާޑުގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ކޮންޓްރެކްޓް ހަމަވުމަށް ފަހު ހަޒާޑް ބޭނުން ކުލަބަކަށް ދިއުމުގެ ފުރުސަތު އޮތް އިރު ރިޕޯޓްތަކުން ބުނަނީ ހަޒާޑް މިހާރު ވެސް ރެއާލް މެޑްރިޑަށް ބަދަލުވާން އެ ކުލަބާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

ހަޒާޑް އަންނަ ސީޒަނުގައި ޗެލްސީ ދޫކޮށް ގޮސްފި ނަމަ އޭނާގެ ބަދަލުގައި އެ ފެންވަރުގެ ކުޅުންތެރިޔަކު ޗެލްސީއަށް ގެނައުމުގެ ފުރުސަތެއް އެކުލަބަކަށް ނޯންނާނެ އެވެ. ސަބަބަކީ 18 އަހަރުން ދަށުގެ ކުޅުންތެރިން ގަނެ ވިއްކި މައްސަލާގައި އެއްވެސް ކުޅުންތެރިއަކު އެހެން ކުލަބަކުން ނުގަނެވޭނެ ގޮތަށް ފީފާއިން ޗެލްސީ ސަސްޕެންޑް ކޮށްފައި ވާތީ އެވެ.

ރެއާލްގެ ކޯޗު ކަމާ ޒައިނުއްދީން ޒިދާން އެނބުރި ހަވާލުވުމަށް ފަހު އެ ކުލަބުން ކުޅުންތެރިން ގަންނަން ބޮޑު ހަރަދެއް ކުރާނެ ކަމުގެ އިޝާރާތެއް ވަނީ ކޮށްފަ އެވެ. އަދި އެ ކުލަބުން އެންމެ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ހަޒާޑް ހިމެނިފައިވީ ނަމަވެސް ހަޒާާޑްގެ ވިސްނުން މިވަގުތު އެއްވެސް ކުލަބަކަށް ބަދަލުވާން ނެތް ކަމަށް އޭނާ ބުނެ އެވެ.

"އަހަރެންގެ ވިސްނުން މިވަގުތު ހުރީ ޗެލްސީއާ އެކު. ބާކީ އެއް މަސް ކުޅެން މިއޮތީ. އެންމެ ބޮޑު އަމާޒަކީ ލީގުގެ ގަދަ ހަތަރެއްގައި ހިފަހައްޓާލުމުގެ އިތުރުން ޔޫރަޕާ ލީގު ކާމިޔާބު ކުރުން،" މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ އީއެސްޕީއެންއަށް މައުލޫމާތު ދެމުން ހަޒާޑް ބުންޏެވެ.

މީގެ އިތުރުން މި ސީޒަނާއި ކުރިމަތި ލީ އިރު އެންމެ އިސްކަމެއް ދިން ކަމަކީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ޗެލްސީއަށް ހޯދައިދިނުން ކަމަށް ހަޒާޑް ބުންޏެވެ.

comment ކޮމެންޓް