ވޯޓު އަލުން ގުނުމުން 106 ވޯޓުން ގާސިމް ގޮނޑި ދިފާއު ކޮށްފި

ގާސިމް އިބްރާހިމް: އޭނާ ވަނީ 106 ވޯޓުގެ ފަރަގަކާއެކު މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު ބޭއްްވި މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ދާއިރާގެ މިހާރުގެވެސް މެމްބަރު، ގާސިމް އިބްރާހީމް 106 ވޯޓުގެ ފަރަގަކާއެކު ގޮނޑި ދިފާއު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން އެ ކޮޮމިޝަނުން މިއަދު ވަނީ އެ ދާއިރާގެ އދ. ފެންފުށީގައި ބެހެއްޓި އެއް ވޯޓު ފޮށި އަލުން ގުނާފައެވެ.

އެ ވޯޓު ފޮށި އަލުން ގުނުމުން ގާސިމަށް 18 ވޯޓު އިތުރުވި އިރު، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަ ކުރެއްވި އަލީ އަމީޒަށް 11 ވޯޓު އިތުރުވި އެވެ.

މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ގާސިމަށް 1،163 ވޯޓު ލިބުނު އިރު، އަމީޒަށް ލިބުނީ 1،057 ވޯޓެވެ. ލޭބާ ޕާޓީގެ ޓިކެޓްގައި ނިކުންނެވި އަހްމަދު އިބްރާހީމަށް ލިބުނީ 24 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 67 އެކެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ވެސް ވަނީ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއް ގުނާފައެވެ. އެއީ މާމިގިލީގައި ބެހެއްޓި ތިން ވޯޓު ފޮއްޓެވެ. އެ ތިން ވޯޓު ފޮށި ގުނި އިރު، ގާސިމަށް 64 ވޯޓު ވަނީ އިތުރުވެފަ އެވެ. އަދި އަމީޒަށް ވަނީ 45 ވޯޓު އިތުރު ވެފަ އެވެ.

ދެ ފަހަރެއްގެ މަތިން މާމިގިލީ ވޯޓު ފޮށިތައް އަލުން ގުނުމުންވެސް އެ ދާއިރާގެ ގޮނޑި ގާސިމް ކާމިޔާބު ކުރައްވާފައިވާ އިރު، މިއީ ގާސިމް މާމިގިލީ ދާއިރާގެ މަޖިލިސް އިންތިޚާބު ގާސިމް ކާމިޔާބު ކުރެއްވި ތިން ވަނަ ފަހަރެވެ.

ReadMore

ނޯޓް: މި ޚަބަރުގައި ކުރިން ގާސިމާއި އަމީޒްގެ ވޯޓުގެ ފަރަގަކީ 110 ކަމަށް ޖެހިފައި ވަނީ ލިޔުމުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ 106 އެވެ.

comment ކޮމެންޓް