ޗައިނާ އާއެކު ވެފައިވާ އެއްބަސްވުންތައް މުރާޖައާ ކުރާނެ: ނަޝީދު

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެއާއި ޗައިނާ އާ ދެމެދު ވެފައިވާ އެއްބަސްވުންތައް އަލުން މުރާޖައާ ކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ރައީސް ނަޝީދު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތައް އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށެވެ.

މީގެ ކުރިންވެސް ނަޝީދު ވަނީ މި މޭރުމުން ވާހަކަ ދައްކަވައިފައެވެ. އެގޮތުން ޗައިނާއާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށާއި މި ސަރުކާރުން އެ އެއްބަސްވުން އުވާލާނެކަމަށް ނަޝީދު ވަނީ މިގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/111866

ނަޝީދު ރޮއިޓާސްއަށް ވިދާޅުވީ އާ މަޖިލީހުން އެންމެ އިސްކަންދޭނީ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ބިލު ފާސް ކުރުމަށް ކަމަށެވެ.

ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ދިރާސާކޮށް، ކޮރަޕްޝަނަށް މަގުފަހިވާކަންތައް ދެނެގަތުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ކުރީ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތަކާމެދު މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޔާމީނުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ލޯނާއި ހިލޭ އެހީ ދީފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ބޭއްވި ގާތް ގުޅުމުގެ ބަދަލުގައި މި ސަރުކާރުން ވަނީ އިންޑިއާ އާއެކު ގުޅުން ބަދަހި ކުރަން ފަށައިފައެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް 65 ގޮނޑި ލިބިފައިވާއިރު މިއީ ރާއްޖޭގެ ބަރުލަމާނީ ތާރީހުގައި އެއްޕާޓީ އަކަށް މިހައި ގިނަ ގޮނޑި ލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް