ރާއްޖެއާ ޗައިނާ އާދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
ވެރިކަންކުރާ މައިޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށާއި މި ސަރުކާރުން އެ އެއްބަސްވުން އުވާލާނެ ކަމަށެވެ.
އެއްބަސްވުން އުވާލަނީ ރާއްޖެއަކީ ޗައިނާ އާ އަޅާބަލާޢިރު ކުޑަ އިގްތިސާދަކަށްވެފައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ގައުމަކާއެކު މިނިވަން ވިޔަފާރިއެއް ކުރުމަކީ ރާއްޖެއަށް އެއްވެސް ފައިދާއެއް ވާނެކަމެއްކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
ޗައިނާ އިން ވަނީ ރާއްޖޭގެ އިގްތިސާދު ލޫޓުވާލާފައިކަމަށާއި، ރާއްޖެ އޮތީ އެތައް ބިލިއަން ޑޮލަރަކުން ޗައިނާއަށް ދަރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ރޮއިޓާސްގައި ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖެ އާއި ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީ އަކާ ނުލައި ޗައިނާ އަށް އެކްސްޕޯޓު ކުރެވޭނެއެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް އިގްތިސާދު ހަލުވި މިނުގައި ކުރިއަރާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެގޮތުން އާ މާކެޓްތައް އުފެދި ދިވެހި ވިޔަފާރިތަކަށްވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް އެ އެގްރީމެންތު ތަންފީޒުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ކުރީ ސަރުކާރުން ކޮށްފައެއް ނުވެއެވެ.
ނަޝީދު ވިދާޅުވެފައިވަނީ އެފްޓީއޭ އަށް މަޖިލީހުން ރުހުންދީފައިވީނަމަވެސް އެ އެއްބަސްވުން ތަންފީޒުކުރަން ހަދަންޖެހޭ ގާނޫނުތައް ހަދަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.
އެފްޓީއޭ އުވާލުމާ ގުޅޭގޮތުން ޗައިނާ ސަރުކާރުގެ ބަހެއް ލިބިފައިނުވާ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ. ނަމަވެސް ޗައިނާ ސަރުކާރާއެކު ގުޅުންބަދަހިކުރަން ރައީސް ސޯލިހުގެ ސަރުކާރުން ތައްޔާރަށް އޮތްކަމަށް ޗައިނާ ސަރުކާރުގެ ފަރާތުން ރައީސް ސޯލިހުގެ ހުވާކުރުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެގައުމުގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ބެލްޑް އެންޑް ރޯޑް އިނިޝިއޭޓިވްގެ ބައިވެރިއަކަށް ރާއްޖެ ވާނެކަމުގެ ޔަގީންކަން ކުރީ ސަރުކާރުން ދީފައިވާއިރު ޗައިނާ އަކީ ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖޭގައި އެންމެ ބޮޑު އަދަދަކަށް އިންވެސްޓު ކުރި ގައުމުވެސްމެއެވެ.