ކޮންމެ ބަޔަކު އަޔަސް އެހީވާނަން: އަޑުބަރޭ

ޔޫތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުޅިވަރާ ބެހޭ ކޮންމެ ކަމެއްގައި ވެސް ވަކި ޖަމިއްޔާ ޖަމާއަތަކަށް ބެލުމެއް ނެތި މިނިސްޓްރީއާ ހަމައަށް އަންނަ ކޮންމެ ބަޔަކަށް ވެސް އެހީވާނެ ކަމަށް ޔޫތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓަރީގައި އިއްޔެ ކްލަބް މޯލްޑިވްސްއާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ޕްރެސްއެއްގައި ވާހަކަ ދައްކަވަމުން އަސްހަދު ވިދާޅުވީ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕު ކުރިއަށް ގެންދަނީ ޔޫތު މިނިސްޓަރީއާ ގުޅިގެން ކަމަށާއި ހަމަ އެފަދައިން ކުޅިވަރުގެ ކޮންމެ ކަމެއްގައި ކޮންމެ ބަޔަކު އަޔަސް މިނިސްޓަރީ އިން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމަށެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފް ސަސްޕެންޑުކޮށްފައިވާ އިރު، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަސްހަދު ގެންދަވަނީ މިނިސްޓްރީގެ ކަންކަން ހިންގެވުމުގައި އިސްނަންގަވައި ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ކްލަބް މޯލްޑިވްސް 2019 ރަސްމީކޮށް ފެށުމުގެ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނޭ ގޮތަށް ހާއްސަ އެކުވެރިކަމުގެ މެޗެއް ރާވައި އަމަލީ ގޮތުން އެ މެޗުގައި އެ މަނިކުފާނު ވަނީ ބައިވެރިވެސް ވެފަ އެވެ.

އަސްހަދު މިއަދު ވިދާޅުވީ ޔޫތު މިނިސްޓްރީ އިން ވަކި ކްލަބެއް ނުވަތަ ޖަމިއްޔާއެއް ތަފާތު ނުކުރާނެ ކަމަށެވެ.

"ކޮންމެ ބަޔަކު އަޔަސް މިނިސްޓްރީ އިން ފުރިހަމަ އެއްބާރުލުން ދޭނެ،" އަސްހަދު ވިދާޅުވި އެވެ.

"އެއީ ކްލަބް މޯލްޑިވްސް ވިޔަސް، އެހެން ކުލަބެއް ވިޔަސް އެހެން ޖަމިއްޔާއެއް އަދި އެސޯސިއޭޝަނެއް ވިޔަސް ހަމަހަމަކޮށް މި މިނިސްޓްރީއާ ހަމައަށް އަންނަ ކޮންމެ ބަޔަކަށް ވެސް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ލިބޭނެ،"

މީގެ އިތުރުން ކުޅިވަރުގެ ރޫހު އާލާ ކުރަން މިނިސްޓްރީ އިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި ހާއްސަކޮށް ފުޓުބޯޅައިގެ ރޫހް ދަނީ ރަނގަޅު ވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައްޕަ އިދިކޮޅު ޓީމުގައި ހުއްޓަސް ދުލެއް ނުދޭނަން. ދަނޑުމައްޗަށް އަރަނީ މޮޅުވާން. އެހެންވީމަ ކުޅެމުންދާއިރު ދެ މީހުން ވެސް ތިބޭނީ ދެ ރޫހެއްގަ ދެ ހިޔާލެއްގައި. އެ ވިސްނުމުގައި ކުޅިވަރު ކުޅޭނީ." ކުޅިވަރުގެ ރޫހުގެ މުހިއްމުކަން އަންގައިދިނުމުގެ ގޮތުން އަސްހަދު ވިދާޅުވި އެވެ.

comment ކޮމެންޓް