"ނަފްރަތުވުމުން" ޕްރިމިއާ ކޮށްފި، މުޖުތަމައުއަށް ރަނގަޅު މެސެޖެއް ދިން ފިލްމެއް!

ފިލްމު "ނަފްރަތުވުމުން" ގެ ޕޯސްޓަރެއް...

ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ކުރިއަށް އޮތް ފިލްމު "ނަފްރަތުވުމުން" ރޭ އޮލިމްޕަހުގައި ޕްރިމިއާކޮށްފިއެވެ.

ފިލްމު ޕްރިމިއާކުރުން ކުލަގަދަކޮށް ފާހަގަކުރަން ރޭވި ނަމަވެސް މިދިޔަ އާދިއްތަ ދުވަހު އެކްޓަރު މުހައްމަދު އަފްރާހް ހަސަން (އައްޕު) ކުއްލިގޮތަކަށް ނިޔާވުމުން ޕްރިމިއާގައި ރޭވިފައިވާ ހަރަކާތްތައް ވަނީ ކެންސަލް ކޮށްފައެވެ.

ރޭ ވަނީ އައްޕުގެ ހަނދާނުގައި ސުކޫތެއް ވެސް ގެނެސްފައެވެ. އަދި އޭނާ އާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވެސް ރޭ ވަނީ ދައްކާލާފައެވެ.

އައްޕުއަކީ ޔޫއްޕެގެ ވަރަށް ގާތް އެކުވެރިއެކެވެ. ދެ ފަންނާނުން ވަނީ އެކުގައި ގިނަ މަސައްކަތްތަކެއްކޮށް "ލޯތްބަށްޓަކާ" ފިލްމު ވެސް ގެނެސްދީފައެވެ.

ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ"ނަފްރަތުވުމުން"ގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ މަރިޔަމް އައްޒައާއި އަލީ އާޒިމް (ދޮން އައްޔަ)އެވެ. އަދި "ނަފްރަތުވުމުން"ގެ މުހިންމު ރޯލަކުން އަހުމަދު އީސަ (އާނަންދު)ވެސް ފެނިގެންދާނެއެވެ.

"އަސްލު މި ފިލްމުން އެބަ އެނގޭ ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަން. ދޮން އައްޔަގެ އެކްޓިން ފާހަގަކޮށްލެވޭ. ޔޫއްޕެގެ މޮޅު ފިލްމެއް މިއީ،" ފިލްމު ބެލުމަށްފަހު ނުކުތް ޒުވާނަކު ބުންޏެވެ.

އެ ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް ސާބިތުކޮށްދިނެވެ.

"ފިލްމު ރީތި. ހުރިހާ އެކްޓަރުންގެ އެކްޓިންވެސް ވަރަށް ސަޅި. އާނަންދުގެ އެކްޓިން ދުވަހެއް ދުވަހަކަށް ދަނީ ސަޅިވަމުން. ވިޔަފާރިވެރިންނަށް ވަރަށް ކަމުދާނެ ފިލްމެއް މިއީ. ހަގީގަތުގައި ވެސް މިހާރު މުޖުތަމައުގައި ހިނގާ ހިތި ހަގީގަތް ދައްކުވައިދޭ ފިލްމެއް މިއީ،"

ރާއްޖޭގެ މުޖުތަމައު ތެރޭގައި ބޮޑުވެފައިވާ މައްސަލައަކަށް އެ ފިލްމު ވަނީ އަލިއަޅުވާ ލައިފައެވެ.

comment ކޮމެންޓް