ޕީޕީއެމް ހޯދައިދިނުމަށް ރައީސް ސޯލިހު ވައުދުވި، އެ ވައުދު ފުއްދައިދިނުމަށް އެދެން: ރައީސް މައުމޫން

ރައީސް ސޯލިހު(ކ) އާއި ރައީސް މައުމޫން ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ޕާޓީ، ޕީޕީއެމް އޭގެ މިލްކުވެރިންނަށް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވައުދު ވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެ ވައުދު އަދި ފުއްދަވާފައި ނުވާ ކަމަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ކެމްޕެއިން ޓީމާއި މަޖިލިސް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދާ އެކު ވާދަކުރެއްވި ކެންޑިޑޭޓުންނާ އެކު ރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރެއްވި ކަމަށާއި ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ސޯލިހް ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ.

އެގޮތުން އެއް ވައުދަކީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ޕީޕީއެެމް އޭގެ ހައްގުވެރިންނާ ހަވާލުކުރުން ކަމަށާއި އެ ވައުދު އަދި ވެސް ރައީސް ސޯލިހް ނުފުއްދަވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެ ވައުދު ވީހާ ވެސް އަވަހަކަށް ފުއްދަވައި ދެއްވުމަށް ރައީސް މައުމޫން ރައީސް ސޯލިހްގެ ކިބައިން އެދިވަޑައިގެންވި އެވެ.

"އެ ވައުދު އަދި މިއޮތީ ނުފުދި. އަޅުގަނޑު އެދެނީ ލަސްތަކެއް ނުވެ، އެ ވައުދު ވެސް ފުދިގެން ދާން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދި، ޕީޕީއެމް އިން ރައީސް މައުމޫން ވަނީ ވަކިކޮށްފަ އެވެ. އޭގެ ފަހުން ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން ކުރި ހުކުމަކުންނެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް ނިންމީ ރައީސް ޔާމީން އެއްކޮޅަށެވެ.

https://sun.mv/115056

ރައީސް މައުމޫން ރޭ ވިދާޅުވީ"ކުރީގެ ސަރުކާރުން، ޝަރީއަތުގެ މައްޗަށް ބާރު ފޯރުވައި އެ ޕާޓީ [ޕީޕީއެމް] ވަނީ އަޅުގަނޑުމެންގެ އަތުން ގެންގޮސްފައި" ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ރައީސް މައުމޫން ރޭ ވިދާޅުވި އިރު، މިއީ ރައީސް މައުމޫން ޝާރީއަތަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވި ފުރަތަމަ ފަހަރެވެ.

ރައީސް މައުމޫން ދަނީ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްގެ މިލްކުވެރިންނަށް އެ ޕާޓީ ދިނުމަށް ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދު ނުފުއްދިފައިވީ ނަމަސް އެމްއާރްއެމްއަށް ދެރަވެފައި ތިބެވެން ނެތް ކަމަށާއި އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ބާރަށް ކުރަން ޖެހޭ ކަމަށެވެ. އަދި އެމްއާރުއެމް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރޭގެ ހަފްލާއަށް ވަޑައިގެންވި އެމަނިކުފާނުގެ ކެމްޕެއިން ޓިމުގެ ބެފުޅުންނަށް ރައީސް މައުމޫން އިލްތިމާސް ކުރެއްވި އެވެ.

"ސިޔާސީ މައިދާނުގައި ވަކިކަމެއް ވުމުން އެވީ ހުއްޓާލާކަށް ނޫން. އެކަންތައް ހަދާން ނައްތާލާފައި އެއިން ލިބެންވީ ފިލާވަޅެއް ލިބުމަށް ފަހު ދެން ކުރިއަށް ދާންވީ، އަޒުމާއި ހިތްވަރާ އެކީގައި. އަޅުގަނޑުމެންގެ ހިތްވަރަކީ އެލެންވީ އެއްޗެއް ނޫން. އަޒުމަކީ ކުޑަ ވާންވީ އެއްޗެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.

މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާ އެކު އަމިއްލަ ގޮތުން މިފަހަރު އިންތިހާބުގައި 20 ކެންޑިޑޭޓަކު ވާދަ ކުރެއްވި އެވެ. ނަމަވެސް ނިލަންދޫ ދާއިރާއަށް ވާދަ ކުރެއްވި އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ފިޔަވައި އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުކުރެވުނެވެ. ރައީސް މައުމޫން ރޭ ވިދާޅުވީ، އިންތިހާބުން ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ އިންތިހާބަށް ނޭދެވޭ ނުފޫޒު ވަނުމުން ކަމަށެވެ.

comment ކޮމެންޓް