ޕީޕީއެމްގެ ހިންގުން މައުމޫންއާ ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ޕީޕީއެމްގެ ލީޑާޝިޕް ހަވާލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

އެ ދެ މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ އާންމު ދެ މެންބަރުން ކަމަށްވާ ލ. ގަން ތުނޑިި، ހަވި އަލީ އަހުމަދާއި ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދެވެ. ނަމަވެސް، ސިޕްރީމް ކޯޓުން ވަނީ ފަހުން އެ މައްސަލައިގެ ފައިލް ނަގައިފަ އެވެ.

މިއަދު އެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ބޭއްވި އިރު މިއަދުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނިންމެވީ، އެ ދެ މައްސަލާގެ ދައުވާ ފޯމް ބާތިލު ކުރުމަށެވެ. އެގޮތަށް އެ ކޯޓުން ނިންމާފައި ވަނީ، ރައީސް ޔާމީން ޕީޕީއެމްގެ ރައީސް ކަމަށް އިންތިހާބު ކުރި ޕީޕީއެމްގެ ކޮންގްރެސްގެ ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރިން ހުކުމްކޮށްފައިވާތީ އެވެ.

ޕީޕީއެމްގެ ހިންގުން ރައީސް މައުމޫންގެ އަތުން ނަގައި، ރައީސް ޔާމީނާ ހަވާލު ކުރަން މީގެ ކުރިން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމުގައި ވަނީ ޕާޓީގެ ކައުންސިލު ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ މެދު ގޮތެއް ނިންމުމަށް އަންގައިފަ އެވެ. ޕީޕީއެމް އިން އެއަށް ފަހު ބޭއްވި ކައުންސިލު ބައްދަލުވުމުގައި ޕާޓީގެ ހިންގުން ހަވާލު ކުރީ ޕާޓީގެ މުސްތަޝާރު އޭރުގެ ރައީސް ޔާމީނާ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ މުސްތަޝާރަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅާ އެެވެ. ނަަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެވަޑައިގަތުމުން ޕީޕީއެމްގެ ހިންގުމާ މެދު ސުވާލު އުފެދުނެވެ. އެ ޕާޓީން ވަނީ ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން އިންތިހާބުކޮށްފަ އެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ރައީސް ކަމަށް އިންތިހާބު ކުރި ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، އެ މައްސަލަ ޕީޕީއެމް އިން ވަނީ ހައިކޯޓަށް ގެންގޮސްފަ އެވެ. ހައިކޯޓުން ނިންމީ ކޮންގްރެސް ސައްހަ ކަމަށެވެ. އަދި އެ ނިންމުން ދާދި ފަހުން ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. އެހެން ކަމުން، ޕީޕީއެމްގެ ރައީސަކީ ރައީސް ޔާމީނެވެ.

comment ކޮމެންޓް