ފަސް ވޯޓުގެ ތަފާތުން މާވަށު ދާއިރާގެ ގޮނޑި ސައީދު ކާމިޔާބު ކުރައްވައިފި

މާވަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ސައީދާއި އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިބްރާހިމް ފަލާހު ---

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބެހެއްޓި ބައެއް ވޯޓު ފޮށިތައް އަލުން ގުނުމުން ވެސް، ފަސް ވޯޓުގެ ތަފާތުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ގޮނޑި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބު ކުރައްވައިފިއެވެ.

މާވަށު ދާއިރާގެ ބައެއް ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ސައީދާ އެންމެ ގާތުން ވާދަކުރެއްވި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހުގެ ފަރާތުން ޝަކުވާ ހުށަހެޅުމުންނެވެ.

ސައީދާއި ފަލާހުގެ އިތުރުން އޮބްޒާވަރުންނައި މޮނިޓަރުންގެ ހާޒިރުގައި މިރޭ އަލުން ގުނާފައި ވަނީ ލ. ކުނަހަންދޫގައި ބެހެއްޓި ވޯޓު ފޮއްޓާއި، މާލެ އަދި ހުޅުމާލޭގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮށީގެ ވޯޓު ކަރުދާސްތަކުގެ އިތުރުން ނ. ކެނދިކުޅުދޫގައި ބެހެއްޓި ފޮއްޓަށް އެ ދާއިރާއަށް ލިބުނު ވޯޓު ކަރުދާހެވެ.

ކުނަހަންދޫ ފޮށީގައި ހުރި ބާތިލް ވޯޓުގެ ތެރެއިން އެއް ވޯޓު ވަނީ ތިން ވަނައަށް ދިޔަ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހްމަދު އަޒްހާން ފަހުމީއަށް ލިބިފައެވެ. އަޒްހާނަކީ މިހާރުވެސް އެ ދާއިރާގެ މެމްބަރެވެ. އަދި ކެނދިކުޅުދޫ ފޮށިން ފަލާހަށް ވަނީ އެއް ވޯޓު އިތުރަށް ލިބިފައެވެ. އެ ފޮއްޓަށް ވޯޓުލީ އެންމެ މީހެވެ. އެ ވޯޓު ފޮށީގެ ނަތީޖާ ޝީޓުގައި ހުރިހާ ކެންޑިޑޭޓުންނަށް ސުން ވޯޓު ލިބުނު ކަމަށް ވަނީ ޖަހާފައެވެ. ނަމަވެސް ސައްހަ ވޯޓުގެ ގޮތުގައި އެއް ވޯޓު ލިބުނުކަމަށް ވަނީ ޖަހާފައެވެ.

ކެނދިކުޅުދޫ ފޮއްޓަށް ލާފައިވާ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ފަލާހާ ދިމާލުގައެވެ. މާލެ އާއި ހުޅުމާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ކުރިން ލިބުނު ނަތީޖާތަކުން ދައްކާގޮތުގައި ސައީދު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ހަ ވޯޓުގެ ތަފާތުންނެވެ. ނަމަވެސް މިރޭ އަލުން ގުނުމުން ސައީދާއި ފަލާހުގެ ދެމެދުގައި އޮތް ފަރަގު ފަހަކަށް ވަނީ ތިރިވެފައެވެ.

މިހާރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ސައީދަށް ލިބިވަޑައިގަތީ، 853 ވޯޓެވެ. އެއް ވޯޓު އިތުރުވުމުން ފަލާށް ލިބިވަޑައިގަތީ 848 ވޯޓެވެ. އަދި އެއް ވޯޓު އިތުރުވުމުން އަޒްހާނަށް ލިބިވަޑައިގަތީ 651 ވޯޓެވެ.

ފަލާހް އަކީ 2014 ވަނަ އަހަރު މަޖިލިސް އިންތިހާބުގައިވެސް އެ ދާއިރާއަށް ވާދަކޮށް ނާކާމިޔާބު ވެވަޑައިގެންނެވި ކެންޑިޑޭޓެކެވެ.

https://sun.mv/117815

comment ކޮމެންޓް