އިންޑިއާގެ މުސްލިމަކު ގެރި މަސް ވިއްކި ކަމަށް ބުނެ، އޫރު މަސް ކާންދިން މައްސަލައެއް ފެންމަތިވެއްޖެ

އައްސާމުގެ މުސްލިމު ފިރިހެނަކު ގެރި މަސް ވިއްކި ކަމަށް ބުނެ ބަޔަކު އޭނާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައި --

ބިސްވަނަތު (އޭޕްރިލް 9): އިންޑިއާގެ އައްސާމުގައި މުސްލިމް ފިރިހެނަކު ގެރިމަސް ވިއްކި ކަމަށް ބުނެ، އޭނާ އަށް ގަދަކަމުން އޫރު މަސް ކާންދިން މައްސަލައެއް އެގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އައްސާމުގެ ބިސްވަނާތުގައި އާދިއްތަ ދުވަހު ހިނގި އެހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެވީޑިއޯ އިން ޝައުކަތު އަލީ ކިޔާ 68 އަހަރުގެ މީހަކަށް ބަޔަކު އަނިޔާކުރާ މަންޒަރު ފެނިގެންދެ އެވެ. އަދި އޭނާއަކީ ބަންގުލަދޭޝްގެ މީހެއްތޯ އާއި ގެރި މަސް ވިއްކުމުގެ ލައިސެންސް އޮތްތޯ ސުވާލު ކުރެ އެވެ.

މީގެ އިތުރުން އަލީއަށް އޫރު މަސް ގަދަކަމުން ކާންދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ. އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ބިސްވަނާތުގެ ފުލުހުން ވަނީ އެ ހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި ވީޑިއޯއިން ފެންނަ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ގެރި މަސް ވިއްކުން އެއްކޮށް މަނާކޮށްފައި އޮތް ނަމަވެސް އައްސާމުގައި ގެރި މަސް ވިއްކުމުގެ ހުއްދަ ހޯދައިގެން އެކަން ކުރެވެ އެވެ.

ތަފާސްހިސާބަށް ބިނާކޮށް ރިޕޯޓު ކުރާ އިންޑިއާސްޕެންޑް ޖަމްއިއްޔާ އިން ބުނާ ގޮތުގައި 2010 އާއި 2017އާ ދޭތެރޭ އެގައުމުގައި ހިނގި ގެރި ބަކަރިއާ ގުޅުން ހުރި މައްސަލަތަކުގައި 51 ޕަސެންޓު ހަމަލާތަކުގެ އަމާޒަކަށްވީ މުސްލިމުންނެވެ. އަދި އޭގެ ތެރެއިން 97 ޕަސެންޓު ހަމަލާ ދީފައި ވަނީ އިންޑިއާގެ ވެރިކަމަށް ހަރުކަށި ހިންދޫ ފިކުރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވި ފަހުންނެވެ.

މޯދީ މިހާރު ގެންދަވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި އައްސާމަކީ އަންނަ ބުރާސްފަތި ދުވަހު ފަށާ އާއްމު އިންތިހާބުގެ ފުރަތަމަ ފޭސްގައި ވޯޓު ލާ އެއް ސްޓޭޓެވެ.

ހަތް ފޭސްއަކަށް ބަހާފައިވާ އެއިންތިހާބު ނިމޭނީ އަންނަ މަހުގެ 19ގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ އެމަހުގެ 23ގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް