މަމެން އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް: ސީއެޗްއެސްއީ ބަލިކޮށް ވިލާއިން ތަށި އުފުލާލައިފި

މަމެން އިންޓާ ސްކޫލް 18 އަހަރުން ދަށުގެ ޗެމްޕިއަން ޓްރޮފީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި (ވީއައިއެޗްއެސް) އިން ހޯދައިފި އެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލުގައި ސެންޓާރ ފޯރ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ މައްޗަށް ވީއައިއެޗްއެސް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. ވޭތުވެ ދިޔަ އަހަރުގެ ފައިނަލުގައި އަހުމަދިއްޔާ ސްކޫލު އަތުން ބަލިވި ނަމަވެސް ވީއައިއެޗްއެސް އިން މިއަހަރުގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު މިއީ އެ ސުކޫލުން މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

ވިލާ ސްކޫލާއި ސީއެޗްއެސްއީ ރޭ ބައްދަލު ކުރި ފައިނަލު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ރޭގެ މެޗު ވީއައިއެޗްއެސް އިން ވަރުގަދައަށް ފަށާފައިވާ އިރު ސީއެޗްއެސްއީގެ ފަރާތުން ފެނުނީ ތަންކޮޅެއް އާދައިގެ ކުޅުމެކެވެ. އެކަމުގެ ފައިދާ ނަގައި، ޓީމު ކުރިއަށް ޖައްސައި ވީއައިއެޗްއެސް އިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ސީއެޗްއެސްއީގެ ހުޝިޔާރުކަމާ އެކު ބޯޅަތައް ދިފާއު ކުރަމުން އަންނަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވީއައިއެޗްއެސް އަށް ލިބުނު ޕެނަލްޓީއަކުން އެ ސުކޫލް ވަނީ ލީޑު ނަގާފަ އެވެ.

އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ސަމާހު އެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިފައި ވާ އިރު ސީއެޗްއެސްއީ އިން ވަނީ ނަތީޖާ ހަމަހަމަ ކުރަން ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ވީއައިއެޗްއެސްގެ އިބްރާހީމް އިމްރާން ޖަހައިދިން ގޯލާ އެކު ސީއެޗްއެސްއީއިން ތަށި ހޯދުމަށް ކުރަމުން އައި އުންމީދުތައް ފުނޑުފުނޑުވި އެވެ.

މެޗަށް ފަހު އެކި އެކި ވަނަތަކަށް ދިޔަ ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީއާ ހަނދާނީ ލިއުން ދީފައިވާ އިރު ރޭގެ މެޗު ޝަރަފުވެރިކޮށްދެއްވީ އެކްޓިންގް ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު އެވެ.

މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވި އިރު ރޭ ވަނީ މުބާރާތުގެ ޑްރީމްޓީމް ހޮވާފައެވެ.

މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޑްރީމް ޓީމް --- ފޮޓޯ/ އެފްއޭއެމް

މުބާރާތުގެ ޑްރީމްޓީމް:

1. އިބްރާހީމް އިމްރާން - (ވީއައިއެޗްއެސް) އަސްމާއީލް މިމްރާހް - (ވީއައިއެޗްއެސް) އަހުމަދު ސަމާހް - (ވީއައިއެޗްއެސް) މުހައްމަދު ލޫތު - (ވީއައިއެޗްއެސް) ހަމްދޫން އަބްދުލްލަތީފް - (ވީއައިއެޗްއެސް) ހަސަން އަލީފް - (ވީއައިއެޗްއެސް) މުހައްމަދު މާއިޝް - (ސީއެޗްއެސްއީ) މުހައްމަދު މިންވާލް - (ސީއެޗްއެސްއީ) އިސްމާއީލް ރިޔާޝް - (ސީއެޗްއެސްއީ) މިޖުދާފް - (ގާޒީ ސްކޫލް) މުހައްމަދު ރަޒާން - (އަހްމަދިއްޔާ)

އިންޓަރ ސްކޫލުގެ 18 އަހަރުން ދަށުގައި 12 ގޯލާއެކު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސީއެޗްއެސްސީގެ މާއިޝްއެވެ. ފެއާ ޕްލޭ ސްކޫލަކަށް ހޮވުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

comment ކޮމެންޓް