އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި: އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ގާސިމް ވަނީ ނިންމާފައި --- ފައިލް ފޮޓޯ/ މަޖިލިސް

ކުރާނެ މަަސައްކަތެއް ނެތުމުން މީގެ ތިން ހަފްތާ ކުރިން މެދުކަނޑާލި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް ނިންމަވައިފި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ސަން" އަށް ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރައިސް ގާސިމް އިބްރާހިމް ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް އަދި އެ ޖަލްސާގެ އެޖެންޑާ އާންމު ކޮށްފަ އެއް ނުވެ އެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ކޮމެޓީތަކުން މައްސަލަތައް މަޖިލީހަށް ފޮނުވާފައި ނެތުމުން މަޖިލިސް ނިންމާލާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ކޮމެޓީތަކުގައި ހުރި މަސައްކަތްތަކުން ކަމެއް ނިމިގެން މަޖިލީހަށް ފޮނުވުމުން ނުވަތަ އެހެން ކަމެއް މަޖިލީހަށް ހުށަހެޅުމުން ކަމަށް އެ ދުވަހު ގާސިމް ވިދާޅުވި އެވެ.

comment ކޮމެންޓް