ޕްރިމިއާ ލީގަށް އެނބުރި ދިއުމުގެ ވިސްނުމެއް ނުގެންގުޅެން: ކުޓީނިއޯ

ބާސެލޯނާގެ ލެފްޓް ވިންގް ފިލިޕް ކުޓީނިއޯ --- ފޮޓޯ/ ސަޗާ ޕިސަނީ

އިނގިރޭސި ޕްރިމިއާ ލީގަށް އެނބުރި ދިއުމަށް ނުވިސްނާ ކަމަށާއި ބާސެލޯނާގައި ހުރީ އުފަލާއެކު ހިތްހަމަ ޖެހިގެން ކަމަށް ބްރެޒިލްގެ ލެފްޓް ވިންގް ފިލިޕް ކުޓީނިއޯ ބުނެފި އެވެ.

ފަހަކަށް އައިސް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެ ބާސެލޯނާ ދޫކޮށް ޕްރިމިއާ ލީގުގެ ކުލަބުތަކަށް ދާން އުޅޭ ކަމުގެ ޔޯލަ ވާހަކަތަކެއް ފެތުރިފައިވާ ކުޓިނިއޯ ބާސެލޯނާއަށް ބަދަލުވިތާ އަދި މިވީ ދޮޅު އަހަރެވެ. ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކުޓިނިއޯ ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނީ އިނގިރޭސިވިލާތުގެ ލިވަޕޫލްއަށެވެ.

ފިލިޕް ކުޓީނިއޯ ލިވަޕޫލްއަށް ކުޅުނު ދުވަސްވަރުގެ ތެރެއިން -- ފޮޓޯ: އޭޕީ

ލިވަޕޫލްގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ގަވާއިދުން ގޯލު ޖަހަމުން އައި ނަމަވެސް ބާސެލޯނާއަށް އޭނާ ބަދަލުވުމަށްފަހު އޭނަގެ އެންމެ ރަނގަޅު ފޯމު އަދިވެސް ދެއްކޭގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ކުޓީނިއޯ ބުނީ އޭނާ އެނބުރި ޕްރިމިއާ ލީގުގެ ކުލަބަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

"އަހަރެންގެ ހިތް މިވަގުތު އޮތީ ބާސެލޯނާއާ އެކު. އިނގިރޭސި ވިލާތުގެ ކުލަބަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅެން،" ސްޕޭންގެ މަޝްހޫރު ނޫހެއް ކަމަށްވާ "މިރޯ" އަށް މައުލޫމާތު ހިއްސާ ކުރަމުން ކުޓީނިއޯ ބުންޏެވެ.

ރިޕޯޓްތަކުން ބުނާ ގޮތުންނަމަ ކުޓީނިއޯ ބާސެލޯނާ ދޫކޮށް ދާނެ ކަމަށް ބެލެވޭ ކުލަބުތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އެވެ.

"މިއީ އަހަރެންގެ ދެވަނަ ސީޒަން. [ބާސެލޯނާގައި ހޭދަކުރެވުނު] އެ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ތަށިތަކެއް ވެސް ހޯދިއްޖެ. ބޭނުންވަނީ އިތުރު ތަށިތަކެއް މިކުލަބާ އެކު ހޯދަން،"

"އަހަރެން ސްޕޭނުގައި މިހުރީ ވަރަށް އުފަލުން. އަދި ބާސެލޯނާ އަކީ ސްޕެއިންގެ އެންމެ މޮޅު ކުލަބު ކަމާ މެދު ޝައްކެއް ނެތް،"

ބާސެލޯނާއިން މިއަހަރުގެ ސީޒަނުގައި ތިން ތަށްޓެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެ ޓީމަށް ވަނީ ސްޕެނިޝް ލީގު ގާތްގަނޑަކަށް ޔަގީން ވެފަ އެވެ. އަދި ލީގު ކަޕުގެ ފައިނަލުގެ ޖާގައެއް ކަށަވަރު ވެފައި ވާއިރު ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ވެސް އަންނަ ބުދަ ދުވަހު އެ ޓީމު ކުޅޭނެ އެވެ.

comment ކޮމެންޓް