އެމްޑީޕީގެ ކާށިދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގެންނެވުމުން އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި އަބްދުﷲ ޖާބިރު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.
ޖާބިރު ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އިރު އިންތިހާބުތަކާ ބެހޭ ގާނޫނު އޮތް ގޮތުން، ޕްރައިމަރީން ބަލިވާ ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ. އެއީ އެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހެއްގެ ސަބަބުންނެވެ. ނަމަވެސް، ޖާބިރު ވަނީ އެ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައި، އެ މައްސަލަ ކާމިޔާބު ކުރައްވައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ.
އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ކާށިދޫ ދާއިރާގެ ގިނަ ގޮނޑި ގުނާ ނިމިފައިވާ އިރު އެ ދާއިރާގެ ގޮނޑި މިހާރު ޖާބިރަށް ވަނީ ކަށަވަރުވެފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރެއްވި އަބްދުﷲ ރިއްފަތު އެވެ.
ޕްރައިމަރީއިން ބަލިވި ނަމަވެސް، އިންތިހާބުގައި އިތުރު ތިން ކެންޑިޑޭޓަކު އަމިއްލަ ގޮތުން ވާދަ ކުރެއްވި އެވެ. އެއީ ހެންވޭދު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އަހުމަދު އަބްދުލްކަރީމް (ރުކުމާ) އާއި އިހަވަންދޫ ދާއިރާއަށް ވާދަ ކުރެއްވި އަހުމަދު މުހައްމަދު (މުހައްމާ) އަދި ހިތަދޫ އިތުރު ދާއިރާއަށް ވާދަ ކުރެއްވި އަހުމަދު މުހައްމަދު (ފަޒާ މުހައްމަދު) އެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖާބިރު މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާ މަސައްކަތް ކުރައްވާނީ ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓައި އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި މެމްބަރު ކަމުގެ މުސާރަ ނުނަންގަވާނެ ކަމަށް ވިދާޅުވި އެވެ.
އިއްޔެ އޮތް އިންތިހާބުގެ ގިނަ ވޯޓުތައް ގުނާ ނިމިފައިވާ އިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.