މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެ ދަރިކަލުންގެ ތެރެއިން ޣައްސާން މައުމޫނަށް އިންތިހާބުގައި ކާމިޔާބީ ލިބިވަޑައިގެންނެވި އިރު، ފާރިސް މައުމޫން ނާކާމިޔާބުވެވަޑައިގެންފި އެވެ.
ތ. ގުރައިދޫ ދާއިރާގެ ގިނަ ވޯޓުތައް ގުނާ ނިމުނު އިރު ރައީސް ޔާމީންގެ ޕީޕީއެމްގެ ޓިކެޓުގައިި ޣައްސާން އޮތީ ތަފާތު ބޮޑުކޮށް ކުރީގަ އެވެ. އެހެންކަމުން އޭނާއަށް ވަނީ އިންތިހާބުގައި ކާމިޔާބީ ލިބިވަޑައިގެންފަ އެވެ. ޣައްސާންއާ އެންމެ ގާތުން ވާދަ ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނާސިރު އެވެ.
ރައީސް މައުމޫންގެ ތާއީދާ އެކު ފާރިސް ވާދަ ކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ. އެ ދާއިރާގެ ގިނަ ވޯޓު މިހާރު ގުނާ ނިމިފައިވާ އިރު، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ރަޝީދު އެވެ.
ޣައްސާން އަކީ މީގެ ކުރިން ތިމަރަފުށި ދާއިރާއަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންފައިވާ ބޭފުޅެކެވެ. ފާރިސް މީގެ ކުރިން ވަނީ ދިއްގަރު ދާއިރާއަށް ވާދަކުރައްވައި ކާމިޔާބު ހޯއްދަވައިފަ އެވެ.