ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދިނުމަށް މާރިޔާ ގޮވާލައްވައިފި

ފެބްރުއަރީ 26، 2019: ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގް ޕީސް އެންޑް ސެކިއުރިޓީ" ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގައުމު ބައިބައިވެ' ފަސާދަވުމަށް ފުރުސަތު ނުދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފި އެވެ.

ޝަހީދުންގެ ދުވަހާ ގުޅިގެން މިނިސްޓަރު މާރިޔާ ދެއްވި ހިތާބުގައި އަލިރަސްގެފާނު ޝަހީދުވ ހާދިސާއަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެ މަހާރަދުން ޝަހީދުވި ހިތާމަވެރި ހާދިސާއަކީ އިބުރަތުން ފުރިގެންވާ ފިލާވަޅެއް ކަމަށެވެ. އަދި އޭރު ވެސް އަމިއްލަ އެދުންތަކުން ފޯވެފައިވާ ފަރާތްތަކެއް އޭރު ވެސް މި ޤައުމުގައި ތިބިކަން ތާރީހުން ބުނެދޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ތާރީހުން އެނގޭ ގޮތުގައި އަލިރަސްގެފާނު ޝަހީދުވެގެން ދިޔުމުގައި މެދުވެރިވި ކަންތައްތަކަށް ބަލާ އިރު، ދެންނެވެން އޮތީ ދިވެހި ރައްޔިތުންގެ މެދުގައި ޙަޤީޤަތާއި ޚިލާފް ޚަބަރުތައް ފަތުރައި، ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނައިދީފައިވާ، އައްޔަސް އަނދިރިއަސް ވާނީ އެއްވަރުކަމަށް ބުނެ ދިވެހިންގެ ބަޔަކު ފެތުރި ދޮގު ވާހަކަތައް ބަޔަކަށް ޤަބޫލުކުރެވުމުގެ ނަތީޖާއަކަށްވީ ދިވެހިންގެ ބަޔަކު ގައުމަށް ޚިޔާނާތްތެރިވުން." މަރިޔާ ވިދާޅުވި އެވެ.

އަދި އެ މަހާރަދުންނަށް އޮޅުވާލައި، ދޮގު ދަންނަވައިގެން އަމާން ދެއްވުމަށް މަޖުބޫރު ކުރުވި ކަމަށާއި އަދި އެހެންނަމަވެސް ކަމުގެ ޙަޤީޤަތް އެނގިވަޑައިގެންނެވުމުން، ޢަލި ރަސްގެފާނު ނިންމެވީ ގިނިކަންޏާ ނަމަވެސް ދީނާއި ވަޠަނުގެ ހައްގުގައި ދުޝްމަނުންނާ ކުރިމަތިލައްވަން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގާނޫނު އަސާސީ އިސްލާޙުކޮށް އަޅުގަނޑުމެން އިހުތިޔާރުކުރީ ވާދަވެރި ސިޔާސީ ޕާޓީތަކެއް ހިމެނޭ ނިޒާމެއް. ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަދޭ ނިޒާމެއް. އަޅުގަނޑުމެން އިހްތިޔާރުކުރި ނިޒާމަށް އަޅުގަނޑުމެން އެންމެން ވެސް ބޯލަނބާ ހިނދު، އަޅުގަނޑުގެ އިލްތިމާސްއަކީ ސިޔާސީ ޙިޔާލު ތަފާތުވުންތަކުގެ ތެރެއިން ޤައުމު ބައިބައިވެ ފަސާދަވުމަށް ފުރުޞަތު ނުދެއްވުން." މާރިޔާ ވިދާޅުވި އެވެ.

އަދި ތާރީހުން ޢިބްރަތް ހާސިލްކޮށް ޤައުމީ މަސްލަހަތަށް ބުރޫ އަރާ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމާއި ޤައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލުމަށް ޖާގަ ނުދިނުމަށް މާރިޔާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

comment ކޮމެންޓް