އަލިރަސްގެފާނުގެ ޖިހާދު ގޮވައިލަނީ ބޭރުގެ ބާރުތަކުގެ ފައިބުޑަށް ތިރިނުވާން: ރައީސް

ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު، މި ދުވަސް ހާއްސަވާ އަލިރަސްގެފާނުގެ ޖިހާދު މިއަދުގެ ސިޔާސީ ލީޑަރުންނަށް ގޮވައިލަނީ ބޭރުގެ ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި އެ މަނިކުފާނު ވަނީ ދުވަހުގެ ތާރީޚަށް އަލިއަޅުއްވައިލައްވައި އަދި މުސްތަގުބަލު ބައްޓަންކުރާންވީ ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، އަލިރަސްގެފާނުންގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުޚާތަބުކުރާ ކަމަށެވެ.

"ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލައި. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލައި،" މިދިޔަ ނޮވެމްބަރު 17ގައި ހުވައި ކުރެއްވި ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ޖިހާދު މީޑިއާތަކާއި އަދި ޒުވާނުންނާ ވެސް މުޚާތަބުކުރާ ކަމަށެވެ. އެގޮތުން، ޚަބަރު ފަތުރާއިރު ގައުމާ އެއްކޮޅަށް ޚަބަރު ފަތުރަން އެ ޖިހާދުން ނަސޭހަތްދޭ ކަމަށެވެ. އަދި، ދޮގު ޚަބަރު ނުފަތުރަން އިންޒާރުދޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޒުވާންކަމުގެ އޮއެވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ،" ރައީސް ވިދާޅުވިއެވެ.

"ހަގީގަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު ފިލާވަޅަކީ މާތްﷲ ހައްގަށް ނަސްރުދެއްވާނެކަން. އެއީ، ބިމުގެ ކުޑަކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ އަލިރަސްގެފާނުންގެ ޖިހާދުން އިބުރަތް ލިބިގަންނަން ގޮވާލައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ކާބަފައިން މި ގައުމު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި، ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ރަށްރަށް ވެސް އަލުން ދިވެހީންނަށް ހޯދައިދެއްވާފައިވާ ކަމަށެވެ.

އެހެންވެ، އެ ޖިހާދުން އިބުރަތް ލިބިގެން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް މި ސަރުކާރުން ހޯދައިދެއްވާނެ ކަމަށެވެ.

"ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން،" ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އަމިއްލަ ބިމުގެ ބާރުވެރިކަން އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާއި އަބަދު ފެންނަ ކަމަށެވެ. އޭގެ މިސާލަކީ ފަލަސްތީނު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، އެފަދަ ދުވަހެއް ދެކެން ނޭދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިޚުލާސްތެރި އިލްތިމާސަކީ މި ގައުމަށް ތެދުވެރިވާށޭ. ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ. ދައުލަތަށް ވަފާތެރިވާށޭ،" ގައުމިއްޔަތަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، އެ މަނިކުފާނުގެ ޚިތާބު ފައްޓަވަމުން ވަނީ ދުވަހުގެ ތާރީޚަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގެ ތެރެއިން ކަޅު މުހައްމަދު ރަސްގެފާނު ވަރަށް ބޮޑަށް ގައުމަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

މިގޮތުން، އޭރު ދިވެހީން ކުރަމުން ދިޔަ، ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރަށް ދޫކޮށްލެއްވިކަން ރައީސް ހަނދާން އާ ކުރެއްވިއެވެ.

"އަނެއް ފަހަރެއްގައި ދިވެހި ރަސްކަން ހޯދަން އަލީރާޖާއާ އެއްކޮށް ހެއްދެވި މުއާހަދާއެއްގެ ދަށުން ދިވެހި ކަނޑުން ލިބޭހާ މާވަހަރާއި ދިވެހިރާއްޖެއިން ލިބޭ ރަނާއި ބޮއްޔާއި އުފައްދާހައި ރޯނުގެ ދެބައިކުޅަ އެއްބައި އަލީރާޖާއަށް ދޭން އެއްބަސްވި،" ރައީސް ވިދާޅުވިއެެވެ

"އޭގެ އިތުރަށް، ރ. ކިނޮޅަހާއި ނ. ކެނދިކުޅުދޫ އަލީ ރާޖާއަށް ދޫކޮށްލެއްވި،"

އެ މަނިކުފާނު ވިދާޅުވީ، ޝަހީދުންގެ ދުވަހަކީ ކަޅު މުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން އޭރު 19 އަހަރުގެ ހަސަން ރަސްގެފާނު ޕޯޗުގީޒުންނާ އެކު އުފެއްދި ގުޅުމެއްގެ ތެރެއިން ކަމަށެވެ.

އަލިރަސްގެފާނު މަޤުބަރާ -- ސަން ފޮޓޯ

"ދިވެހި މުސްކުޅިން ބުނަނީ އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެ ކަމަށް،" ކަޅު މުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން ވެސް ޚިޔާނާތްތެރިވި ޚިޔާނާތްތެރިވުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ހަސަން ރަސްގެފާނާއި ޕޯޗުގީޒުންނާ ދެމެދު އޮތް ގުޅުން ފެށިފައިވަނީ ކަޅު މުހައްމަދު ރަސްގެފާނާ ހަމައިން ކަމަށެވެ. އެހެންވެ، ޝަހީދުންގެ ދުވަހަށް އަލިވިލޭއިރު އޭގެ އަނެއް ފަރާތުގައި ވަނީ ބޮޑެތި ޚިޔާނާތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ، އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލާކުގެ ތެރެއަށް އެއްލައިލުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ގައުމަށް ޚިޔާނާތްތެރިވުން. ހަމައެއާ އެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެ މީހުންގެ ހީލަތްތެރި ރޭވުން. ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކުރުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ހަސަން ރަސްގެފާނު ޕޯޗުގީޒުންނަށްޓަކައި ދީން ވެސް ދޫކޮށްލެއްވި ކަމަށެވެ. އެކަމަކު، ނަޞާރާއެއްގެ ގޮތުގައި އަވަހާރަވީއިރު، އެނބުރި ރާއްޖެ އާދެވޭނެ ގޮތް ވެސް ޕޯޗުގީޒުން ހަމަޖައްސައިނުދެއްވާ ކަމަށެވެ.

ރައީސް ވަނީ އެ ޚިޔާނާތުން ގައުމު ސަލާމަތްކުރަން އަލިރަސްގެފާނު ކުރެއްވި ޖިހާދުން އިބުރަތް ލިބިގަންނަން ގޮވާލައިފައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބުޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބުޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.

މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ.

comment ކޮމެންޓް