ޅ. ކުރެންދުއަށް ނަގޫރޯޅިއެއް އަރައި އެ ރަށުގެ ދެ ހަރުގެއަކަށާއި ކައުންސިލުގެ އިދާރާއަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާއިލް މަދީހު "ސަން"އަށް ވިދާޅުވީ، ނަގޫރޯޅި އަރާފައި ވަނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ކަމަށެވެ.
އަދި ނަގޫރޯޅީގެ ސަބަބުން ކައުންސިލުގެ އިދާރާ ކައިރީގައި ހުރި ސެޓްލިންކް އެންޓަނާގެ ބައެއް ކައުންސިލުގެ އިދާރާގެ ފުރާޅު މައްޗަށް ވެއްޓި ފުރާޅަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރެންދޫ ކައުންސިލުގެ އިދާރާގެ ސީލިންގަށްވެސް އެންޓެނާގެ ސަބަބުން ގެއްލުންވެފައިވޭ -- ފޮޓޯ: ކައުންސިިލު
އޭނާ ވިދާޅުވި ގޮތުގައި އެންޓަނާ ފުރާޅު މައްޗަށް ވެއްޓުނު ނަމަވެސް ކައުންސިލުގެ އިދާރާގެ އެތެރޭގެ ހުރި ތަކެއްޗަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ނަގޫރޯޅީގެ ސަބަބުން ގެއްލުންވެފައިވާ ކުރެންދޫގެ ހަރުގެއެއް-- ފޮޓޯ: ކައުންސިލް
މަދީހު ވިދާޅުވީ، ކައުންސިލުގެ އިދާރާ ހުންނަ ސަރަހައްދު ކައިރީގައި ހުރި ދެ ހަރުގެއަކަށް ވެސް ނަގޫރޯޅީގެ ސަބަބުން ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން އެ ދެ ހަރުގޭގެ ވެސް ފުރާޅުގެ ޓިނުގަނޑުތައް އެއްލާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަބުރުސްތާނުގެ ތެރެއަށް ވެސް އަދި އެ ދިމާލުން ދިރާގު އެންޓަނާ ކައިރިއަށް ވެސް ޓިނުގަނޑުތައް ވަނީ ގޮސްފައި،" މަދީހު ވިދާޅުވި އެވެ.
ނަމަވެސް، ހަރުގޭގައި ހުރި އެއްވެސް ސާމާނަކަށް ނުވަތަ އެތެރޭގައި ހުރި ދޯންޏަށް ގެއްލުމެއް ނުވާ ކަމަށް މަދީހު ވިދާޅުވި އެވެ.