ސިޓީ އެއްވަނައަށް ޖެހިލި އިރު ޗެލްސީއަށް ފަސޭހަ މޮޅެއް

ޗެލްސީގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ ރަޔާން ބެންސަން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކާޑިފް ސިޓީ އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނައަށް ޖެހިލި އިރު ބްރައިޓަން އެންޑް ހޯވް އަލްބިއަން ގާތުން ފަސޭހަކަމާ އެކު ޗެލްސީ މޮޅުވެއްޖެ އެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ކާޑިފް އަތުން ރޭ ސިޓީ މޮޅުވެފައި ވަނީ 0-2 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ މޮޅާ އެކު ސިޓީއިން ތާވަލުގެ އެއްވަނައިގައި އޮތީ 32 މެޗު ކުޅެ 80 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 32 މެޗު ކުޅެގެން ލިބެނީ 79 ޕޮއިންޓެވެ. ބާކީ ހަ މެޗު އިތުރަށް އޮށްވާ އެންމެ ޕޮއިންޓެއްގެ ފަރަގު އެއްވަނަ އާއި ދެވަނައިގެ މެދުގައި އޮތުމުން ޕްރްމިއާ ލީގު ވަނީ ވަރަށް ބޮޑަށް ފޯރި ހިފާލައިފަ އެވެ.

މެންޗެސްޓާ ސިޓީއާއި ކާޑިފް ސިޓީ ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޮ/ ޑެޖަން ކަލިނިޗް

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުން ބްރައިޓެން މައްޗަށް އެ ޓީމުން ކުރި ހޯދީ 0-3 ގެ ނަތީޖާ އަކުންނެވެ. ރޭގެ މޮޅާ އެކު ޗެލްސީ ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލާއި ޕޮއިންޓްގެ ގޮތުން ވެސް އެއްވަރުވެފައި ވާ އިރު އާސެނަލް ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވިއްޖެ ނަމަ ޗެލްސީއަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުމުގެ ފުރުސަތު ބޮޑެވެ.

ރޭގެ މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ދައްކާފައިވާ އިރު އެ ޓީމުން ވަނީ ލަނޑުތައް ޖެހުމުގެ އިތުރުން ވެސް ގިނަ ފުރުސަތުތަކެއް ފަހިކޮށްފަ އެވެ. އެ މެޗުގައި ޗެލްސީގެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ ފްރާންސްގެ ސްޓްރައިކަރު އޮލިވިއާ ޖިރޫޑް އާއި އެޑެން ހަޒާޑުގެ އިތުރުން ޒުވާން ފޯވާޑް ރުބެން ލޮފްޓަސް-ޗީކް އެވެ.

ވޭތުވެ ދިޔަ ސީޒަނުގެ ވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ލީގު ހޯދުމާ ގާތަށް ޖެހިލާފައި ވާ އިރު ކުރިއަށް ހުރި މެޗުތަކަކީ ވަރަށް މުހިއްމު މެޗުތަކެކެވެ. ހަތަރު ތަށްޓަށް އަމާޒު ޖަހައިގެން ތބި ސިޓީ ވަނީ ރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑެ ބްރުއެނާ އާއި ލެރޮއީ ސާނޭ އެވެ.

ސިޓީއިން ރޭގެ މެޗަށް މުހިއްމު ގިނަ ކުޅުންތެރިން ނުލާ ފެށި ނަމަވެސް އެ ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ތައުރީފު ކޮށްފަ އެވެ. ޓީމުގައި ހިމެނޭ ބައެއް ޒުވާން ކުޅުންތެރިންގެ ފަރާތުން އުންމީދީ ކުޅުމެއް ދައްކާފައިވާ އިރު ސިޓީއިން އަންނަނީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް