ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް ފާތިމަތު އާސިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނުކުރައްވައިފި އެވެ.
އެ މަގާމަށް އާސިޔާ އައްޔަނުކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އާސިޔާ ވަނީ އިނގިރޭސިވިލާތުގެ ސްޓެފާޑްޝާ ޔުނިވާސިޓީން މާސްޓާސް އޮފް ފައިނޭންސް އަދި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބެޗްލާސް އޮފް އާޓްސް (އޮނާސް) އެކައުންޓިން އެންޑް ފައިނޭންސް ހައްދަވައިފަ އެވެ. އޭގެ އިތުރުން ޓެކުހުގެ ދާއިރާ އާއި ފައިނޭންސް އަދި އެކައުންޓިންގެ ދާއިރާ އިން އާސިޔާ ވަނީ ގިނަ އަދަދެއްގެ ޓްރެއިނިންތައް ހައްދަވައިފަ އެވެ.
ކުރިން ގައުމީ ބޭންކު ބީއެމްއެލްގައި ވެސް 10 އަހަރު އާސިޔާ ވަނީ ވަޒީފާ އަދާކުރައްވައިފަ އެވެ. އަދި ކްލިކް ކޮލެޖުގައި ވެސް ލެކްޗަރާއެއްގެ ވަޒީފާ އޭނާ ވަނީ އަދާކުރައްވައިފަ އެވެ.
އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރައްވައިފައި ވަނީ އާދަމް މުހައްމަދު އެވެ.