މިއަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވަން ބޮލީވުޑްގެ ތަރިންނާއި މަޝްހޫރި ލަވަކިޔުންތެރިން ގެންނަނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމް ---

މިއަހަރުގެ ފުޓުބޯޅަ ސީޒަން ރަސްމީކޮށް ހުޅުވުމުގެ މެޗު ކުޅުމަށް އިންޑިއާގެ ގައުމީ ޓީމުގެ އިތުރުން ބޮލީވުޑްގެ ސްޓާރުންނާއި މަޝްހޫރު ލަވަކިޔުންތެރިން ގެނައުމަށް އިންޑިއަން އެންބަސީއަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ދައުވަތު އަރުވައިފި އެވެ.

ޓުއަރިޒަމް މިނިސްޓަރުކަމުގެ އިތުރުން ވަގުތީ ގޮތުން ކުޅުވަރާއި ޒުވާނުންގެ ވުޒާރާއި ހަވާލުވެ ހުންނެވި އަލީ ވަހީދު ވަނީ ރޭގެ ވަގުތެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސިދޫރް އާ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ފުޅާކުރުމުގެ އިތުރުން ރާއްޖެ އިންޑިއާގައި އިސްތިހާރު ކުރުމަށް ކުރެވިދާނެ ކަންކަމާ ބަހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފަ އެވެ.

މީގެ އިތުރުން މިއަހަރުގެ ފުޓުބޯޅަ ސީޒަން ރަސްމީ ގޮތެއްގައި ހުޅުވަން އިންޑިއާގެ ގައުމީ ޓީމާ އެކު މެޗެއް ކުޅުމަށް ވެސް ދެ ފަރާތުގެ ދެމެދުގައި ވަނި މަޝްވަރާ ކުރެވިފަ އެވެ. އަދި އެއާއެކު އެ މެޗުގެ ފޯރި އިތުރަށް ބޮޑު ކުރުމަށްޓަކައި އިންޑިއާގެ ފިލްމީ އިންޑަސްޓްރީ ( ބޮލީވުޑް) ގެ ތަރިންނާއި އެ ގައުމުގެ މަޝްހޫރު ލަވަ ކިޔުންތެރިން ގެނައުމަށް އަލީ ވަހީދު ވަނީ އިންޑިއަން އެންބަސީއަށް ދައުވަތު އަރުވާފަ އެވެ.

ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށާއި ފަތުރުވެރިކަން ދުނިޔޭގައި އިސްތިހާރު ކުރުމުގެ ގޮތުން އާ ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަށް ބަލައި ހިޔާލު ހޯދުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ދެ ކުޅުންތެރިއަކު ވެސް ވަނީ ދާދި ފަހުން ރާއްޖެ އައިސްފަ އެވެ.

comment ކޮމެންޓް