"ސަންޓިއާގޯ ބާނެބިއުގެ މަރާމާތަށް ފަހު އެފެންވަރުގެ ސްޓޭޑިއަމެއް ނޯންނާނެ"

ސަންޓިއާގޯ ބާނެބިއު މަރާމާތަށްފަހު އޮންނާނެ ގޮތް --- ފޮޓޯ/ ރެއާލް މެޑްރިޑް އޮފިޝަލް ޕޭޖް

ރެއާލް މެޑްރިޑްގެ ރަސްމީ ސްޓޭޑިއަމް، ސަންޓިއާގޯ ބާނެބިއުގައި ކުރިއަށް ކުރަން ހުރި މަރާމާތުގެ ޕްރޮޖެކްޓަށް ފަހު އެ ފެންވަރުގެ ދަނޑެއް ދުނިޔޭގައި ވެސް ނޯންނާނެ ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފިއޮރެންޓީނޯ ޕެރޭޒް ބުނެފި އެވެ.

މީގެ 72 އަހަރު ކުރިން ބިނާ ކުރެވުނު އެ ސްޓޭޑިއަމްއށް މިހާރު ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު އެ ސްޓޭޑިއަމްގެ މަތި އެއްކޮށް ބައްދާ ސްޓޭޑިއަމްގެ ޖާގަ ބޮޑު ކުރުމަށް ޕްލޭން ހަދަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން 2009 ވަނަ އަހަރު އެ މަސައްކަތް ފަށަން ރެއާލުން ނިންމި ނަމަވެސް އެކި އެކި ސަބަބުތަކާ އެކު މަރާމާތުގެ މަސައްކަތް ފެށޭ ގޮތް ނުވެ އޮތީ އެވެ.

މިހާރު ކުރިއަށްދާ ސީޒަންގެ ކުޅުން ނިމުމާ އެކު ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ފަށާނެ ކަމުގެ އުފާވެރި ހަބަރު ރޭ ރެއާލްގެ ރައީސް ފިއޮރެންޓީނޯ ޕެރޭޒް ދީފައިވާ އިރު އޭނާ ވަނީ ސްޓޭޑިއަމް ނިމުމުން ދަނޑު އިންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް ދައްކާ މަރާމާތައް ފަހު އަންނާނެ ބަދަލުތަކުގެ މައްޗަށް ވެސް އަލި އަޅުވާލާފަ އެވެ.

ރެއާލުން ހަދާފައިވާ ޑިސައިނުގައި ވާގޮތުން ސްޓޭޑިއަމް މައްޗަށް ހިއްލާ މަތި އެއްކޮށް ފޮރުވޭނެ ފަދަ ގޮތަކަށް ބަންދު ކުރާނެ އެވެ. އަދި ބޭނުން ވެއްޖެ ނަމަ ފުރާޅު މަތިން ކަހާލެވޭނެ އެވެ. މީގެ އިތުރުން ސްޓޭޑިއަމް ވަށައިގެން 360 ޑިގްރީއަށް އެނބުރޭ ސްކްރީނެއް ވެސް ހަރުކުރެވިފައި ވާނެ އެވެ.

މަރާމާތުގެ ސަބަބުން ސްޓޭޑިއަމްގެ ޖާގަ އިތުރަށް ބޮޑުވެ ސްޓޭޑިއަމްގެ ތެރޭގައި އިތުރު ތަންތަން ވެސް ހެދިގެން ދާނެ އެވެ. އެގޮތުން އިންޓަރެކްޓިވް މިއުޒިއަމްއެއްގެ އިތުރުން ފިހާރަތަކާއި ގެލެރީތައް ވެސް ސްޓޭޑިއަމްގައި އިތުރުވެގެން ދާނެ އެވެ. މިހުރިހާތަނެއް ވެސް ބިނާކޮށް ނިމޭ އިރު އެތަންތަނުގައި ތިބެގެން ވެސް މެޗުތައް ބަލާލެވޭނެ ފަދަ ގޮތަކަށް އެތަންތަން ފަރުމާކުރާނެ އެވެ.

މީގެ ކުރިން 1982 އަދި 2001 ވަނަ އަހަރު ވެސް ބާނެބިއުގެ ސްޓޭޑިއަމްގައި ބޮޑެތި މަރާމާތުތަކެއް ކޮށްފައިވާ އިރު މިފަހަރުގެ މަރާމާތައް ގައިގަނޑަކަށް 550 މިލިއަން ޔޫރޯގެ ހަރަދެއް ދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

ރެއާލްގެ ރައީސް ފިއޮރެންޓީނޯ ޕެރޭޒް ރޭގެ އެ ހަފްލާގައި ވާހަކަ ދައްކަމުން ބުނީ، ޕްރޮޖެކްޓަށް މިހާރު އެޕްރޫވަލް ލިބިފައި ކަމަށާއި، އަންނަ ހަފްތާގައި ފައިނޭންޝިއަލް އެގްރީމަންޓްތަކުގައި ސޮއިކުރާނެ ކަމަށެވެ.

"ސްޓޭޑިއަމްއަށް މި ގެންނަ ބަދަލު ތަކާ އެކު މިވަރުގެ ފެންވަރު ރަނގަޅު ޒަމާނީ ސްޓޭޑިއަމެއް ނޯންނާނެ." ޕެރެޒްގެ ވާހަކައިގައި ބުންޏެވެ.

comment ކޮމެންޓް