އިބްރާހިމް ރަޝީދު ދަނީ އާއިލާގެ ބެލުމުގެ ދަށުން ސިއްހީ ފަރުވާ ހޯދަމުން: ޝިދާތާ

ރަޝީދު--

މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ ގ.ފްރެޝް ލައިޓް އިބްރާހީމް ރަޝީދުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ޖެންޑާ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މޭ ޑޭގެ މުޒާހަރާ އާއި ގުޅިގެން ޖަލުގައި ދުވަސްތަކެއް ހޭދަކުރި އިބްރާހިމް ރަޝީދަށް ވަނީ ހަމުގެ ބައްޔެއް ޖެހިފައެވެ. ހަށިގަނޑުގެ ބާރު ދެރަވެ އަނަރޫފަވެ، އަޅާލާނެ މީހަކު ނުވެ މަގުމަތީގައި އުޅޭތަން ވަރަށް ގިނައިން ފެނެއެވެ.

ރަޝީދުގެ ހާލަތާ ގުޅޭގޮތުން މިއަދު މިނިސްޓަރު ޝިދާތާ ޓްވީޓެއް ކުރައްވާ ވިދާޅުވީ އޭނާގެ އާއިލާގެ ބެލުމުގެ ދަށުން އޭނާ މި ވަގުތު ސިއްހީ ފަރުވާ ހޯދަމުންދާ ކަމަށެވެ.

މިހާރު ރަޝީދަށް ފަރުވާ ދެމުން ގެންދަނީ ސިއްހީ ފަރުވާ ދޭ ތަނެއްގައި އެޑްމިޓު ކޮށްގެން ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރަޝީދު ހައްޔަރުކުރީ މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގެ ތެރެއިންނެވެ. އޭރު އޭނާ ހުރީ ފެންނަ ފެނުމަށް ސިއްހަތު ރަނގަޅުކޮށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ރަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަހްމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، ރަޝީދުގެ ހަމަށް ޖެހިފައިވާ ބަލި ޖެހިފައި ވަނީ މާފުށީ ޖަލުގައި އޭނާ ބަހައްޓާފައި ހުއްޓައި ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި، އޭނާއަށް ފަރުވާ ދިނުމަށް ކަރެކްޝަންސްއިން އޭނާ އައިޖީއެމްއެޗްއަށް ވެސް ދެތިން ފަހަރަކު ގެންދިޔައެވެ.

މީގެ ކުރިންވެސް ރަޝީދުގެ ވާހަކަ މީޑިއާގައި ތިލަވެފައިވެއެވެ. އެއީ މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު، ކަންބޮޑުވުން ފާޅުކުރައްވައި ރަޝީދުގެ ފޮޓޯއާއެކު ޓްވީޓު ކުރެއްވުމުންނެވެ. އަދި ރަޝީދުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންވެސް މީގެ ކުރީން މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވައިފައިވެ އެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން ރަޝީދު ޖަލު ބަންދުން ގޭބަންދަށް ދޫކުރީ ކަރެކްޝަންސް ސާވިސް އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އޭނާ ގޭބަންދަށް ދޫކޮށްލި ނަމަވެސް އާއިލާގެ މީހުންނާ ގުޅުން ނޯންނަކަމަށް ވަކީލު ނާޒިމް ވަނީ ވިދާޅުވެފައެވެ.

https://sun.mv/117580

comment ކޮމެންޓް