އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، އެފަދަކުދިންގެ ބެލެނިވެރިން އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރި ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރާ އޯޓިޒަމް ދުވަހާ ގުޅުވައިގެން އޯޓިޒަމް ސެންޓަރުގައި ބޭއްވި އާއިލީ ނާސްތާ ގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ ކުދިންނަށް ދިމާވާ ތަފާތު ކަންތައްތައް ހައްލުކުރުމަށް އެކަމުގެ މަޢުލޫމާތު އޮޅުންފިލުވުމަށް އެންމެ ފަސޭހަވާނީ އެފަދަ އަނެއް ބެލެނިވެރިޔާގެ ފަރާތުން ކަމަށެވެ.
"އެކި ފަރާތްތަކުގެ ފޯރުންތެރިކަމާއި ހާލަތު ހުންނަގޮތުން އެފަދަ ކޮންމެ މީހަކީ ރާއްޖެ އިން ބޭރަށް ގޮސް ނުވަތަ ރާއްޖެއިން ވިއަސް، ފަރުވާ ހޯދާ މީހަކަށް ނުވެދާނެ،"
މެޑަމް ފަޒްނާ ވިދާޅުވީ މި ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން އެފަދަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ، ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމަށެވެ.
ފަސްޓްލޭޑީ ވިދާޅުވީ އަސާސީ ޙައްޤުތައް ލިބިދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާފުކުރުމެއް އޮވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކުދިންނަށް ވެސް އެންމެ މުހިންމީ އެ ބަލީގެ އުނދަގޫތައް އިހުސާސްކުރަން ނުޖެހި، އިތުރު ވޭންތައް ތަހައްމަލުކުރަން ނުޖެހޭނެ ގޮތަކަށް މުޖުތަމައުގެ ކަންކަން ބައްޓަންވެފައި ހުރުން ކަމަށެވެ.
އޯޓިޒަމް އެސޯސިއޭޝަން ފަދަ ޖަމްއިއްޔާއެއްގައި ތިބޭނީ އެފަދަ ފަރާތްތަކަށް އަޅާލައި، ރަނގަޅުގޮތްތައް ހޯދައިދޭން ބޭނުންވާ މީހުންކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި މުޖުތަމަޢުގެ އެހެން މީހުންނަށް މިކަމުގެ މަޢުލޫމާތު ފޯރުކޮށްދެއްވުމަށާއި އެމީހުންގެ ހައްގުގައި ވަކާލާތުކުރުމަކީވެސް އެފަދަ ޖަމުޢިއްޔާއަކުން ކުރަން ލާޒިމްކަމެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެފަދަ ޖަމްއިއްޔާ އަކުން ފޯރުކޮށްދޭ ހިދުމަތަކީ ހިލޭ ފޯރުކޮށްދޭ ނުވަތަ ވީ އެންމެ ކުޑަ އަގެއްގައި ފޯރުކޮށްދޭ ހިދުމަތަކަށް ވާންޖެހޭ ކަމަށާއި އޭޕްރީލް މަހަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ އަށް ހާއްސަ މަހަކަށް ވާއިރު، އެކަމާ ގުޅޭ މައުލޫމާތާއި އެފަދަ ފަރާތްތަކުގެ އިޙްސާސްތައް ދެނެގަތުމަށް ވަގުތު ހޭދަކުރު މަށް ރައީސްގެ އަނބިކަނބަލުން އެދިލެއްވި އެވެ.
މެޑަމް ފަޒްނާ ވަނީ އޯޓިޒަމް ސެންޓަރުގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވައި، 100 ކުޑަކުދިން ބައިވެރިކޮށްގެން އެފަރާތުން ކުރިއަށްގެންދާ "ޗައިލްޑް ޑިވެލޮޕްމަންޓް ސްކްރީނިން" ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވައިފަ އެވެ.