ރާއްޖެއިން ބޭރުގައި ދިވެހީން ކުރާ ހޭދައާ ގުޅޭ ސާވޭ މިމަހުގެ 12 އިން 18 އަށް އޮންނާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.
މި ސާވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓު ހެދުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރާސާވޭއެކެވެ.
ބޭރުގައި ތިބެފައި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް އެމްއެމްއޭއިން ކުރާ މި ސާވޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރުގެ މައިގަނޑު މަގުސަދާއި، ދަތުރުކުރި ގައުމު، ޓިކެޓުގެ ހަރަދު، ހުރުމުގެ ހަރަދު، ބޭސްފަރުވާގެ ހަރަދު އަދި ޖުމްލަކޮށް މުޅި ދަތުރަށް ކުރި ހަރަދު ފަދަ މައުލޫމާތުތައް ހޯދާނެއެވެ.
މި މައުލޫމާތު ހޯދި ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ މައުލޫމާތު ނުހޯދާނެ ކަމަށާއި ސާޥޭގައި މައުލޫމާތުދޭ މީހުންގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ސާވޭގެ މުއްދަތުގައި އެމްއެމްއޭގެ ސާވޭ ޓީމުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާނެ އެވެ. ސާވޭގެ މުއްދަތުގައި ސާވޭއަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.