މާލެއާ އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ހަނޑޫ، ހަކުރު އަދި ފުށް ވިއްކުމުގެ މަސައްކަތް ކުރާނެ ކާޑު އެޖެންޓުން ހަމަނުޖެހޭ 61 ރަށް އެބައޮތް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް އެއް އަގެއްގައި ވިއްކަން ސަރުކާރުން ވަނީ ނިންމައިފައެވެ. އެސްޓީއޯ އިން ބުނީ ހަނޑޫ، ހަކުރު، އަދި ގޮދަން ފުށް އެއް އަގެއްގައި ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާ ކަމަށެވެ.
މިގޮތުން، އެސްޓީއޯ ކާޑު އެޖެންޓުން ހޯދުމަށް އިއުލާންކޮށް، އެކަމަށް އިޖާބަދިން ފަރާތްތަކުގެ ހުށަހެޅުންތައް ބަލައި މިހާތަނަށް 112 ރަށެއްގައި އެސްޓީއޯ ކާޑު އެޖެންޓުން އައްޔަން ކޮށްފައިވާކަމަށާއި އިތުރު 10 ރަށަކަށް ހޮވިފައިވާ އެޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެސްޓީއޯ ކާޑު އެޖެންޓުކަމަށް މިހާތަނަށް އެކަށީގެންވާ ހުޅަހެޅުމެއް ލިބިފައިނުވާ 61 ރަށަކަށް އެޖެންޓުން ހޯދުމުގެ މަސައްކަތްވެސް ރަސްމީ އިދާރާތަކާ ގުޅިގެން އެސްޓީއޯއިން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކާޑު އެޖެންޓުންނަށް ކާޑު ދޫކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 26 ގައި ފަށާފައިވާ ކަމަށާއި ކާޑު އެޖެންޓުން މިހާތަނަށް ހަމަޖެހި، ސަޕްލައި ކުރެވިފައިވާ ރަށްރަށުގައި ހެޔޮ އަގުގައި މިއަދުން ފެށިގެން ކާޑު ގަންނަން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ހުރިހާ ރަށަކަށް އެޖެންޓުން ހަމަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެސްޓީއޯ ކާޑު އެޖެންޓުން މުޅި ރާއްޖޭގައި ކާޑު ވިއްކުމަށް ހަމަޖެހިފައިވާ އާންމު އަގުތައް:
ކާޑުގެ ބާވަތް | ހަނޑޫ | ހަކުރު | ގޮދަންފުށް |
ކިލޯ | 4.80 ރ | 4.82 ރ | 3.80 ރ |
ބަސްތާ | 240 ރ | 241 ރ | 190 ރ |