އެޗްއާރު ފެޑެރޭޝަންގެ މެމްބަރަކަށް މާޕް ވެއްޖެ

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް)ގެ ބައްދަލުވުމެއްގައި މާޕް--- ފޮޓޯ: މާޕް

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް)ގެ މެމްބަރުކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އަށް ލިބިއްޖެ އެވެ.

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް)އަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އެޗުއާރު މެނޭޖްމަންޓް އެސޮސިއޭޝަންތައް ބައިވެރިވާ ފެޑަރޭޝަންއެކެވެ. މާޕްއަކީ ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާއެކެެވެ.

އޭޕީއެފްއެޗްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި ހަމަޖެހުމުން އެ ފެޑަރޭޝަންގައި ދިވެހިރާއްޖެ ތަމްސީލުކުރާނީ އެ އެސޯސިއޭޝަންއިން ކަމަށް މާޕްއިން ބުންޏެވެ.

މާޕްއިން ބުނީ އޭޕީއެފްއެޗްއާރުއެމްގެ މެމްބަރަކަށް މާޕް ހަމަޖެހުނީ މިމަހު 16 ވަނަ ދުވަހު ފިޖީގައި ކުރިއަށް ދިޔަ އޭޕީއެފްއެޗްއާރުއެމްގެ ބޯޑު މީޓިންގައި ކަމަށެވެ. އަދި މާޕްއަށް އެ ޖަމިއްޔާގެ މެމްބަރުކަން ލިބުނީ އޭޕީއެފްއެޗްއާރުއެމްގައި ހިމެނޭ 17 ގައުމުން ވޯޓު ދީ ފާސްކުރުމުން ކަމަށް މާޕްއިން ބުންޏެވެ.

މާޕް އިން ބުނީ އެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ މެންޑޭޓާއި ކުރިޔަށް ރޭވިފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ހުށަހެޅި ކަމަށެވެ.

އެ ފެޑަރޭޝަންގެ މެމްބަރަކަށް ވުމުގެ ސަބަބުން ރާއްޖޭގައި އެޗްއާރު ދާއިރާގައި މަސައްކަތް ކުރާފަރާތްތަކަށް ތަފާތު ގިނަ ފައިދާ ތަކެއް ލިބިގެންދާނެ ކަމަށް މާޕްއިން ބުންޏެވެ. އޭގެ ތެރޭގައި ފެޑަރޭޝަން މެމްބަރު ގައުމުތަކުގެ ބެސްޓްޕްރެކްޓިސް ޝެއާކުރުމާއި ރިސާޗް ޑާޓާބެސްތަކުގެ ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މާޕްއިން ބުންޏެވެ.

އަދި ދުނިޔޭގެ ފެންވަރުގެ މުގައްރިރުން ރާއްޖެ ގެނައުމަށް ލުއިފަސޭހަވެ މެމްބަރު އެސޯސިއޭޝަންތަކުން ބާއްވާ ހަރަކާތްތަކުގައި މާޕްގެ މެމްބަރުންނަށް ފަސޭހަކަމާ އެކު ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

comment ކޮމެންޓް