ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރ. އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އިލްހާމް އަހުމަދަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފި އެވެ.
އުނގޫފާރު ދާއިރާގައި ހިމެނޭ ރ. މާކުރަތު ރައްޔިތުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަދި ޖުމްހޫރީ ޕާޓީ އާ ގުޅިގެން މަޖިލީހުގެ ގޮނޑިތައް ބަހާފައިވާ ކަމަށެވެ.
"އޭގެ ބޭނުމަކަށް ވަނީ އެއްބަޔަކަށް ހުރިހާ ދާއިރާތަކަށް ވާދަކޮށްގެން ގޮނޑިތަކެއް ނުނެގޭނެ. އަނެއްކާ، ދެބައި މީހުން އެއް ދާއިރާއަކަށް ވާދަކޮށްގެން ވެސް އަޅުގަނޑުމެންނަށް ގޮނޑިތަކެއް ނުނެގޭނެ،" ޔާމީން ވިދާޅުވީ ޕީޕީއެމް ކޯލިޝަން އާއި ޖޭޕީ އަށް ވީހާ ވެސް ގިނަ ގޮނޑިތަކެއް ނެގޭނެ ގޮތަށް އިންތިޒާމު ކޮށްފައިވާ ކަމަށެވެ.
"އެހެން ޕާޓީތަކަށް ގޮނޑިތައް ނުނެގޭނީ އަޅުގަނޑަށް ވިސްނުނީ ދެބައި މީހުން ގުޅިގެން މަސައްކަތް ކުރިއްޔާއޭ،" އުނގޫފާރު ދާއިރާ އަކީ ރަސްމީކޮށް އިލްހާމަށް ދޫކޮށްލާފައިވާ ދާއިރާއެއްކަމަށް ޔާމީން ވިދާޅުވި އެވެ.
މިގޮތަށް މަސައްކަތް ކުރާއިރު ރައްޔިތުންގެ ހިތްހަނަނުޖެހުން ހުންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މަގުސަދަށް ވިސްނައިގެން ރައްޔިތުން ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ މަގުސަދަކީ ޕީޕީއެމް، ޕީއެންސީ، ޖުމްހޫރީ ޕާޓީ މި ތިންޕާޓީ ރައްޔިތުންގެ މަޖިލީހުގެ ވީހާ ގިނަ ގޮނޑިއެއް ނެގޭތޯ މަސައްކަތްކުރުން،" އެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ކަށަވަރުމިކޮށްދެނީ، އަޅުގަނޑު ވެސް ތާއީދު ކުރަނީ ތިޔަ ދާއިރާގެ ގޮނޑި ތިޔަ ބޭފުޅުން މަސައްކަތްކޮށްދެއްވައިގެން އިލްހާމް އަށް ކާމިޔާބުކޮށްދެއްވުން،" ޔާމީން ވިދާޅުވި އެވެ.