ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް ބާއްވައިފިއެވެ.
މާލޭ ސަރަހައްދުން ފައިނޭންސް ފެއާ ބާއްވާފައި ވަނީ ހުޅުމާލެ ރެހެންދި ސްކޫލްގައެވެ. އަތޮޅުތެރޭން ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައެވެ.
ތިނަދޫގައި ބޭއްވި ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރަށް އެއްހާހަށްވުރެ ގިނަ ފަރާތުން ޒިޔާރަތްކޮށްފައިވާކަމަށް އެމްއެމްއޭ އިން ބުންޏެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ގދ ގައްދޫގައި ބޭއްވި ހަރަކާތްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ފައިނޭންސް ފެއާގެ އަމާޒަކީ ދަރިވަރުންނަށް ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށާއި މި ފެއާގައި ދަރިވަރުން އެކި ބާވަތްތައް އަމިއްލަ އަށް އުފެއްދުމަށްފަހު އެތަކެތި ވިއްކާފައިވާކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެެމްއޭ އިން ބުނީ މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލްތަކާއި މާލީ އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކު ކަމަށެވެ.
ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައި ޔޫތްއެންޓަރޕްރެނާސް ފޯރަމް މިއަދު އޮންނާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.