އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި 35 ރަށެއްގެ ފެނާ ނަރުދަމާ އަޅަނީ

ފެނުގެ ނިޒާމު ގާއިމް ކުރަން ހޮޅިވަޅުލުމުގެ މަސައްކަތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑަބުލިއެސްސީ

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި 35 ރަށެއްގެ ފެނާއި ނަރުދަމާ އެޅުމަށް އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދާނީ އިންޑިއާގެ އެގްޒިމް ބޭންކާއެކު ސަރުކާރުން ސޮއިކޮށްފައިވާ ކްރެޑިޓް ލައިންގެ އެއްބަސްވުމުގެ ދަށުން ކަމަށެވެ.

މިހާރުވެސް ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާއިރު މި ސަރުކާރުގެ ފަސް އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފެނުގެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަކީ

ހއ. ފިއްލަދޫ، ނ. ކެނދިކޮޅުދޫ، އދ. ދިގުރަށް، ފ. މަގޫދޫ، ގއ. މާމެންދޫ، ހއ. ކެލާ، ރ. އިނގުރައިދޫ، ވ. ފެލިދޫ، ދ. ބަނޑިދޫ، ގދ. ފިޔޯރީ، ހއ. ބާރަށް، ބ. ކެންދޫ، ވ. ފުލިދޫ، ދ. މީދޫ، ގދ. މަޑަވެލި، ހދ. ވައިކަރަދޫ، ޅ. ކުރެންދޫ، ވ. ތިނަދޫ، ތ. ކިނބިދޫ، ގދ. ފަރެސް މާތޮޑާ، ހދ. މަކުނުދޫ، ކ. ގާފަރު، މ.ކޮޅުފުށި، ލ. މާމެންދޫ، ށ. ފުނަދޫ، ކ.ކާށިދޫ މ. މަޑުއްވަރީ، ލ. މާބައިދޫ، ނ.މަނަދޫ، އއ.މާޅޮސް، ފ. ދަރަނބޫދޫގެ އިތުރުން ގއ. ގެމަނަފުށިއެވެ.

ނަރުދަމާގެ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަކީ

ހއ. ފިއްލަދޫ، ނ. ކެނދިކޮޅުދޫ، އއ.މާޅޮސް، މ.މަޑުއްވަރި، ތ. ކިނބިދޫ، ހއ.ކެލާ، ރ.އިނގުރައިދޫ، އދ.ދަނގެތި، ފ.ދަރަނބޫދޫ، ލ. މާބައިދޫ، ހދ. ވައިކަރަދޫ، ކ.ގާފަރު، އދ. ދިގުރަށް، ފ. މަގޫދޫ، ގދ. ފަރެސް މާތޮޑާ، ށ. ކޮމަންޑޫ، އއ. ތޮއްޑޫ، ވ. ތިނަދޫ އަދި ދ. ބަނޑިދޫ

"އެފަދަ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. އަދި މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި އެ ހިދުމަތްތައް ގާއިމް ކުރެވިގެންދާނެ،" ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ހަރަދުވާނީ 276 މިލިއަން ޑޮލަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

comment ކޮމެންޓް