އައްޑޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގައި އެތައް މައްސަލައެއް

އައްޑޫގައި ކަރަންޓާއި ، ފެނާއި ނަރުދަމާގެ ހާލަތު ވަރަށް ގޯސް ވެފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަނީ ކަންބޮޑުވުން އޮތް މިންވަރަށް ނިކަމެތިވެ، މަރާމާތާއި، އަޕްގްރޭޑިންއަށް ބޭނުންވެފައި ކަމަށެވެ.

އެކަމުގެ ސަބަބުން ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާކަމަށް ނިޒާރުވަނީ ވިދާޅުވެފައެވެ. ނިޒާރު ވިދާޅުވީ ދެ ގަޑިއިރަށް ބޭނުންކުރެވޭ މިންވަރަށް ވެސް ފެނުގެ ރިޒާވެއް ނެތްކަމަށާއި ކަރަންޓު ދިނުން މިހާރު ވެސް ވަނީ ހުއްޓުމަކަށް އައިސްފައިކަމަށެވެ.

ނިޒާރު ވިދާޅުވީ މިކަމަކީ ފެނަކައާއި އަޅުވައި ދޫކުރެވިދާނެ ކަމެއް ނޫންކަމަށެވެ.

އަދި މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އައްޑޫގެ ރައްޔިތުން ކާރިސާގެ ހާލަތުގައި ދިގު މުއްދަތަކަށް ތިބެންޖެހިދާނެ ކަމުގެ ބިރު އެބައޮތްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މިކަމާ ގުޅޭގޮތުން 'ސަން' އަށް އިތުރަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ މި މައްސަލަ ހައްލުނުވެ އޮންނަތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ.

"މިދިޔަ ސަރުކާރުން ފެށިގެން ރައްޔިތުން އުޅެނީ މިހާލުގައި،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އަދިވެސް މިކަމަށް ހައްލެއް ގެންނަން މި ސަރުކާރުން ވެސް އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި ކުރީ ސަރުކާރުން އަޅަން ފަށާފައިހުރި އިންޖީނުގޭގެ މަސައްކަތް ވެސް މިހާރު ހުރީ ހުއްޓިފައި ކަމަށެވެ.

"އާ ޖަނަރޭޓަރުތައް އަދިވެސް ނުގެނެ، މަސައްކަތް ވެސް ހުރީ ހުއްޓިފައި" ނިޒާރު ވިދާޅުވިއެވެ.

މި ފަހުން ވެސް ފުވައްމުލަކު ސިޓީއަށް ވަނީ ކަރަންޓްގެ އެކި މައްސަލަތައް ދިމާވެފައެވެ. އެގޮތުން، ޖެނެރޭޓަރު ސެޓު ނުވަތަ ޖެންސެޓެއްގައި މައްސަލަ ޖެހުމުން ކަރަންޓުގެ ލޯޑު ބޮޑުވާތީ ގިނަ ދުވަސްތަކެއް ވަންދެން އެކި ގަޑީގައި ކަރަންޓު ކެނޑިއެވެ.

comment ކޮމެންޓް