ފޮއްދޫގައި ނަރުދަމާގެ މަސައްކަތް ކުރަނިކޮށް އެކްސްކަވޭޓަރެއް ފުރޮޅާލައިފި

ފޮއްދޫގައި އެކްސްކަވޭޓަރު ފުރޮޅާލާފައި---

ނ. ފޮއްދޫގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ބޭނުން ކުރާ އެކްސްކަވޭޓަރެއް އެ ރަށު މޫދަށް ފުރޮޅާލައިފިއެވެ.

މިކަމާ ގުޅީގެން "ސަން"އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްްމަދު މޫސާ ވިދާޅުވީ އެކްސްކަވޭޓަރު ފުރޮޅާލީ ނަރުދަމާ އެޅުމަށް ކަނޑު ހޮޅި އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

"ނަސީބަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. އެ ފުރޮޅާލި ވަގުތު ދުއްވަން އިން މީހާ އަނެއް ފަޅިއަށް ފުންމާލައިފި. އެކްސްކަވޭޓަރު ވެއްޓުނު ފަޅިއަށް ވެއްޓުނު ނަމަ ސަލާމަތެއް ނުވީސް،" އޭނާ ވިދާޅުވިއެވެ.

މުހައްމަދު މޫސާ ވިދާޅުވީ، އެތަނުން އެކްސްކަވޭޓަރު ނެގުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެވަރުގެ ބޮޑު އެއްޗެއް ގެނެސްގެން ނެގޭނީ. އަދި މިވަގުތު އެކްސްކަވޭޓަރު ނެގުމުގެ މަސައްކަތެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެކްސްކަވޭޓަރު ނެގޭނެ ވަގުތެއް އަދި ލަފާކުރަން ނޭންގޭކަމަށް އޭނާ ވިދާޅުވިއެވެ.

ފުރޮޅާލައިފާ ވަނީ އަޒްވޯރާ ކުންފުނީގެ އެކްސްކަވޭޓަރެކެވެ.

comment ކޮމެންޓް