އާތު އަވާ ފާހަގަކުރުމަށް އައްޑޫގެ ނޭޗާ ޕާކްގައި ހާއްސަ ހަރަކާތެއް

އާތު އަވާ ފާހަގަކުރުމަށް އައްޑޫ ސިޓީގައި މިދިޔަ އަހަރު ބޭއްވިި ހަރަކާތެއްގެ ތެރެއިން-- ފޮޓޯ؛ ޓުވިޓާ

އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީގައިވެސް ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އައްޑޫ ސިޓީގައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމައިފައިވަނީ އެ ސިޓީގައި ހުންނަ ނޭޗާ ޕާކްގައެވެ.

އެ ހަރަކާތް ބޭއްވުމަށް ހަމަޖައްސައިފައިވަނީ މާދަމާ ރޭ 08:30 އިން 09:30 އަށެވެ.

ނޭޗާ ޕާކްގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން އެރޭ އެތަނުގައި ކެރަމް، ސްކެރެބަލް ޑާޓް އަދި މޮނޮޕޮލީ ފަދަ ކުޅިވަރުތައް ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ. އަދި އެ ހަރަކާތްތައް ކުރިއަށް ދާނީ ސްވިޗްތައް ނިއްވާލުމަށް ފަހު ފުޅި ތަކުގައި އުށްބައްތި ބަހައްޓައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ނޭޗާ ޕާކުން ބުނީ އެހަރަކާތުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ 50 ފަރާތަށް ކަމަށެވެ. އަދި ބުނީ އެ ހަރަކާތުގައި ރަޖިސްޓަރީ ކުރުމަށް 7580059 ނަމްބަރަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.

އާތު އަވާގެ ރަސްމީ އިވެންޓް މިފަހަރު ބޭއްވުމަށް ނިންމައިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން މާލޭގައިވެސް މިހާރު ވަނީ ހާއްސަ ހަަރަކާތްތަކެއް ފަށައިފައެވެ.

އާތު އަވާއަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޑަބްލިއުޑަބްލިއު އެފުން 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ރާއްޖެއިން ބައިވެރިވާން ފަށައިފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ.

comment ކޮމެންޓް