އާތު އަވާއަށް ތައްޔާރުވުމުގެ ހަރަކާތްތައް ފަށައިފި

އާތު އަވާ ފާހަގަ ކުރުމަށް މިއަދު ބޭއްވި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް/ ޓުވިޓާ

އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް އާތު އަވާ ފަހާގަކުރަން ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ފަށައިފިއެވެ.

އާތް އަވާ ފާހަގަކުރަނީ ކޮންމެ އަހަރަކުވެސް 31 މާޗުގަ އެވެ.

އާތު އަވާ ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހެނދުނު މާލޭގެ ތިން ސަރަހައްދެއް ސާފުކުރުމުގެ ހަރަކާތްތެއް މިއަދު ހެނދުނު 07:30 އިން 08:30 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރާއި މަޖީދިއްޔާ ސްކޫލުގެ ސްކައުޓް ކުދިންނާ ގުޅިގެން އިންތިޒާމް ކުރި ހަރަކާތެކެވެ. ސާފުކުރުމުގެ އެ ހަރަކާތުގައި އެންޖީއޯތަކާއި، ގާލް ގައިޑް އެސޯސިއޭޝަން އަދި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން މާލޭގެ ހަ ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

އެ ހަރަކާތް އިންތިޒާމްކުރާ އިކޯކެއާގެ އެޑްވައިޒަރީ ޑިރެކްޓަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ އާތު އަވާގެ ހަރަކާތެއް މިއަދު މެންދުރުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަވީރު ހަތަރަކުން ހަޔަކަށް ސަލްޓަން ޕާކުގައި ފޮތިކޮތަޅު ހެދުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަރަކާތް ކުރިއަށް ގެންދާނީ ވުމެން ސެންޓަރުގެ ފަރާތުން ކަމަށާއި ޝޮޕިން ބޭގް ހެދުމަށް ނީޑްލް ކިޓެއް ހިފައިގެން އެ ސަރަހައްދަށް އައުމުން އެ ބޭގް ހެދުމަށް އެ ސެންޓަރުގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މާދަމާ ހަވީރު 04:00 އިން 06:00 އަށް ކްލައިމެޓް މާޗް އެއް ހިރިޔާ ސްކޫލު ކުރިމަތިން ފަށާނެ ކަމަށް މައީދު ވިދާޅުވި އެވެ. އެ ހިނގާލުން ނިންމާލާނީ ހެންވޭރު ދަނޑާ ހިސާބުންނެވެ.

އާތު އަވާގެ ސްވިޗް ހާއްސަ އިވެންޓް އޮންނާނީ މާދަމާ ރޭ 08:30 ގައި ކަމަށްވެސް މައީދު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މިއަހަރުގެ އާތުއަވާ ފާހަގަކުރުމަށް ސްކޫލުތަކުގައި ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އާތް އަވާ އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއިމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޑަބްލިއުޑަބްލިއުއެފުން 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ރާއްޖެއިން ބައިވެރިވާން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް