ސަރުކާރުގެ އަތް ދަށުގައި މަޖިލިސް އޮވެގެން ނުވާނެ: ޝައިނީ

ޕީއެސްއެމުން ބޭއްވި ބަހުސްގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ޝައިނީ --- ފޮޓޯ/ ޕީއެސްއެމް

ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ އަތް ދަށުގައި އޮވެގެން ނުވާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޗެނަލް 13ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. ޝައިނީ ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވަން އޮންނަން ޖެހޭ ބާރު ކަމަށެވެ. އެހެން ކަމުން، މަޖިލިސް އޮންނަން ވާނީ ސަރުކާރު ނޫން ބައެއްގެ އަތުގައި ކަމަށް އޭނާ ވިދާޅުވި އެެވެ.

"ގާނޫނު އަސާސީގައި ބުނަނީ އެއަށް [ސަރުކާރަށް] ފާރަވެރިވުމަށްޓަކައި މަޖިލީހަށް ބަޔަކު އިންތިހާބު ކުރަން. އެހެންވީމާ މަޖިލިސް އޮންނަން ޖެހޭނީ އެހެން ފަރާތެއްގެ އަތުގައި. މިނިވަން ކެންޑިޑޭޓެއް ނުވަތަ އެހެން ޕާޓީއަކަށް ނިސްބަތްވި ކަމުގައި ވިޔަސް ސަރުކާރުގެ އަތުގައި ނޫން އޮންނަން ޖެހޭނީކީ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ އެހެން ވިދާޅުވި އިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލިބެން ޖެހޭ ކަމަށެވެ. އަދި އެ ޕާޓީއަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ މިއަދުގެ ސަރުކާރުގެ ވައުދުތައް ނުފުއްދޭނެ ކަމަށް އެ ބޭފުޅުން ކެމްޕޭނުގައި ވިދާޅުވެ އެވެ.

ޝައިނީ މިރޭ އިތުރަށް ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން ޖުޑިޝަރީ އޮންނަން ޖެހޭނީ ހުރިހާ ފަރާތްތަކެއްގެ ނުފޫޒުން އެއްކިބާވެގެން ކަމަށެވެ. އެހެން ނަމަވެސް، އެ ބާރަށް ނުފޫޒު ފޯރާ ވާހަކަ ރައީސް ނަޝީދު ދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ނަޝީދު އެ ވިދާޅުވަނީ، ތިމަންނަމެންނަށް މަޖިލިސް ނުލިބިއްޖިއްޔާމުން ޖުޑިޝަރީގައި ތިބި ބޭފުޅުން ވަކާލާތު ކުރައްވައި އެ ބޭފުޅުން ކަންކަން ނިންމަވާނީ ސަރުކާރާ ދެކޮޅަށޭ. އޭގެ މާނައަކީ އެ ބޭފުޅުންނަށް މެޖޯރިޓީ ލިބިއްޖެ ކަމަށް ވަންޏާ ޖުޑިޝަރީ ހިނގާނީ އެ ބޭފުޅުން ވިދާޅުވި ގޮތަކަށޭ. އެހެންވިއްޔާމުން ނުފޫޒު އެބަ ވަދޭ. ނުފޫޒު ވަންނަ ވާހަކަ މި ވިދާޅުވަނީ،" ޝައިނީ ވިދާޅުވި އެވެ.

އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހަޅައި، ޖުޑިޝަރީގެ ތެރެއިން ގާޒީންނާއި ފަނޑިޔާރުން ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނެކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވެފައެވެ.

ޝައިނީ ވިދާޅުވީ، ތިން ބާރު ވަކިވެފައި އޮންނަން ޖެހޭ ކަމަށް ގާނޫނު އަސާސީ ބުނާ ކަމަށާއި އެހެން ކަމުން ތިން ބާރު އޮންނަން ޖެހޭނީ ވަކިކޮށްފައި ކަމަށެވެ.

އޭގެ އިތުރުން ރޭ އޭނާ ވިދާޅުވީ، ކޯލިޝަން ސަރުކާރަކީ ހިނގާނެ ފަދަ ސަރުކާރެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނު އަސާސީއިން ކޯލިޝަން ސަރުކާރަކަށް ހައްލެއް ނަތަތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯލިޝަން ސަރުކާރެއް ހިންގުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ރައްޔިތުންނަށް ރަނގަޅު ފަސް އަހަރެއް ސްޓޭބަލް ވެރިކަންކަން ކުރާ ކަމަށް ވަންޏާ ސަރުކާރު އޮންނަން ވާނީ ވަރުގަދަ ޕާޓީއެއްގެ ފަހަތުގައި ވަރުގަދަ މެނިފެސްޓޯއެއްގެ ފަހަތުގައި،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއަދުގެ ކޯލިޝަން ސަރުކާރުގައި އޮތީ ރެނދުލާފައި ނޫން ކަމަށާއި، ސަރުކާރުގައި ހުރީ ބޮޑެތި ބާތަކެއް އުފެދިފައި ކަމަށެވެ. އަދި ކޯލިޝަން ސަރުކާރެއް މަސައްކަތް ނުކުރާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

comment ކޮމެންޓް