"އެއް ދުވަހު ބަލިވެގެން ފޯކައިދޫ ހޮސްޕިޓަލަށް ގޮސް އިންޖެކްޝަނެއް ޖަހަން ޖެހިގެން ބެލި އިރު އެ ތަނުގައި ތިބީ ހުސް އަންހެން ނަރުހުން. އެ ދުވަހު ވަރަށް ލަދު ގަތް. ހިތަށް އެރި ފިރިހެން ނަރުހެއް ހިދުމަތް ދޭން ހުރި ނަމައޭ" ފިރިހެން ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ނަރުހެއް ކަމަށްވާ އުދައިޝަން، އެ ދާއިރާއަށް ވަދެވުނު ގޮތް ހިނިގަނޑަކާ އެކު ބުންޏެވެ.
މިއީ ށ. ފޯކައިދުއަށް އުފަން އުދައިޝަން މުހައްމަދު (އުދޭ)ގެ ވާހަކަ އެވެ. ހޮސްޕިޓަލަށް ގޮސް ދިމާވި ލަދުވެތި ހާދިސާއަށް ފަހު، ނަރުހަކަށް ވުމަށް އަޒުމް ކަނޑައެޅި އުދޭގެ އަޒުމް ވަރަށް ވެސް ވަރުގަދަ އެވެ. ނަރުސް ކަމަށް ރާއްޖޭގެ ފިރިހެނުން ފަސް ޖެހުނު ދުވަސްވަރު، ޖެހިލުމެއް ނެތި ތޮށި ގަނޑު ފަޅާލައިފައި ނުކުތް އުދޭ އަކީ ރާއްޖޭގެ ހަ ވަނަ ފިރިހެން ނަރުސް ވެސް މެ އެވެ.

ނަރުސްކަމަށް ހޭލުންތެރިކަމުގެ ސެޝަނެއް އުދޭ ނަގައިދެނީ---ފޮޓޯ: ކޭއޯ
"ފުރަތަމަ ނަރުހަކަށް ވާން ވެގެން އުޅުނު ދުވަސްވަރު ބައެއް މީހުން ގޮވާނެ ސިސްޓާއޭ ވެސް ކިޔާފައި. ބުނާނެ އެއީ އަންހެނުން ކުރާ މަސައްކަތެއް ނޫންހޭ ވެސް. ދެން އަޅުގަނޑު ކިޔައިދިނީމާ މިހާރު މީހުން ގަބޫލުކުރޭ އިންޖެކްޝަން ޖެހުމާއި ސާޖަރީ ފަދަ ކަންތައްތަކުގެ މަސައްކަތަކީ އަންހެނުންގެ މަސައްކަތެއް އެކަނި ނޫންކަން." އުދޭ ބުންޏެވެ.
ލ. ގަމުން އެޑްވާންސް ސެޓްފިކެޓް އިން ނާސިން ހާސިލުކޮށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ އިރު، އެ ހޮސްޕިޓަލްގައި މިހާރު ހުރި ހަމަ އެކަނި ދިވެހި ފިރިހެން ނަރުހަކީ ވެސް އުދޭ އެވެ. ނަރުސްކަމުގެ ދާއިރާއިން އިތުރަށް ތަމްރީންވުމަށް ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީގައި ހުންނަ ކެމްޕަހުގައި ޑިޕްލޮމާއިން ނާސިން އިން މިހާރު ވެސް އުދޭ ދަނީ ކިޔަވަމުންނެވެ.
އުދޭ ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާއިރު ވަރަށް ގިނަ ބައެއްގެ ސަޕޯޓް ލިބޭ ކަމަށެވެ. އަދި ބަދު ބަސްތައް ލިބިފައި ވަނީ ވަރަށް މަދު މީހެއްގެ ފަރާތުން ކަމަށް އޭނާ ބުންޏެވެ.

ފިރިހެން ކުދިން ނަރުސްކަމަށް ޝައުގުވެރިކުރުވަން އުދޭ އާއި އޭނާގެ ޓީމުން ހިންގި ހަރަކާތުގެ ތެރެއިން– ފޮޓޯ: ކޭއޯ
"ފިރިހެން ނަރުހަކަށް ވީމާ އޮވޭ ބައެއް އެޑްވާންޓޭޖްތައް ވެސް އެބަޖެހޭ ބައެއް ފަހަރު ބަލި މީހުން ގޮވައިގެން ގަދަ ކަނޑުގައި މާލެ ގޮވައިގެންދާން ވެސް. ފިރިހެނަކު ހުރީމާ އެއީ ވަރަށް ބޮޑު ފަސޭހައެއް. އިތުރު ފިރިހެނުން މިދާއިރާއަށް ނުކުމެއްޖެ ނަމަ އަދި ވަރަށް ފެސޭހަވާނެ. މިއީ އަންހެނުންނަށް ބުނާ ދެރަ ބަހެއް ނޫން." އުދޭ ބުންޏެވެ.
ނަރުހެއްގެ ވަޒީފާ އަދާކުރުމުގެ އިތުރުން، އެ ވަޒީފާއަށް ފިރިހެނުން އަހުލުވެރިކުމުގެ ގޮތުން އުދޭ ދަނީ ތަފާތު ގިނަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އަންނަ މަހު ދޮރުން ދޮރަަށް ކެމްޕޭންއެއް ހިންގުމަށް ވެސް އޭނާ ވަނީ ނިންމައިފަ އެވެ.
"މީގެ ކުރިން ވެސް އަޅުގަނޑު ހުންނާނެ ތަފާތު މޯޓިވޭޝަން ޕްރޮގްރާމްތައް ސްކޫލުކުދިންނަށް ހިންގައިފައި. ފުރަތަމަ ސްކޫލު ކުދިންނަކަށް ވެސް ނޭނގޭ ނަރުހެއްގެ ގޮތުގައި ކުރާ މަސައްކަތެއް. އެކަމަކު އެވާހަކަ ކިޔައިދިނީމާ މިހާރު ވަރަށް އުޅޭ ފިރިހެންކުދިން ވެސް ޝައުގުވެރިވެގެން. އަޅުގަނޑު ކައިރީގައި އަހާ ކިހިނެއްތޯ މިދާއިރާއަށް ނުކުންނާނީ ވެސް،" އުދޭ ބުންޏެވެ.

ފިރިހެން ކުދިން ނަރުސްކަމަށް ޝައުގުވެރިކުރުވަން އުދޭ އާއި އޭނާގެ ޓީމުން ހިންގި ހަރަކާތުގެ ތެރެއިން– ފޮޓޯ: ކޭއޯ
އުދޭ އަކީ މިހާރު ހަމައެކަނި ނަރުހެއް އެކަންޏެއް ނޫނެވެ. މިހާރު އޭނާއަކީ ރަށު ފެންވަރުގައި "ސެލެބްރިޓީ" އެއްވެސް މެ އެވެ. މީސް މީޑީއާގައި އެކި މީހުން އުދޭ ފޮލޯ ކުރެ އެވެ. އޭނާއަކީ އެ ރަށުގެ މީހުންގެ ލޯބި ލިބި ގަދަރުކުރާ މީހެކެވެ.
ނަރުސްކަމުގެ ދާއިރާއަށް ރާއްޖޭގައި ފިރިހެނުން މިސްރާބު ޖަހަމުންދާ އިރު، މިހާރު ވެސް 40 ފިރިހެނުން ދަނީ ނަރުސްކަން ކިޔަވަމުންނެވެ. މިއީ އުދޭ ވެސް ކުރިމަގުގައި ދެކެން ބޭނުންވާ ހުވަފެނެކެވެ.