މަޖީދިއްޔާ ސްކައުޓް ގްރޫޕުން މުޅި މާލެ ސާފު ކުރަނީ

މަޖީދިއްޔާ ސްކޫލުގެ ސްކައުޓް ބައިވެރިން ---

ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސްކައުޓް ގްރޫޕް ކަމަށް ވާ މަޖީދިއްޔާ ސްކައުޓް ގުރޫޕާއި އެމެރިކަން ސެންޓަރ މޯލްޑިވްސް ގުޅިގެން ކޮންމެ ހުކުރު ދުވަހަކު މާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުރުމުގެ ހަރަކާތެއް ވަނީ ފަށައިފައެވެ.

އެގޮތުން މާދަމާ ވެސް އެ ހަރަކާތް ކުރިއަށްދާ އިރު މާދަމާގެ ހަރަކާތް ހާއްސަ ކުރެވިފައި ވަނީ "އާތު އަވާ" އަށެވެ.

މާލޭގައި 1956 ވަނަ އަހަރުގެ މޭ 30 ގައި އުފެދުނު ރާއްޖޭގެ އެންމެ ދުވަސްވީ ސްކައުޓް ޖަމިއްޔާ، މަޖީދިއްޔާ ސްކައުޓް ގްރޫޕް އިން ވޭތުވެ ދިޔަ 62 އަހަރު ވަނީ މެދު ކެނޑުމެއް ނެތި އެކި އެކި ގޮތް ގޮތުން މުޖުތަމައު ކުރިއެރުވުމަށް އެހީތެރިކަން ފޯރު ކޮށްދީފަ އެވެ. އެ ގްރޫޕުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ކްރިއޭޓިންގް އަ ބެޓާރ ވޯލްޑް" (ދުނިޔެއަށް ހެޔޮ ބަދަލުތަކެއް ގެނައުން) މިފަދައިންނެވެ.

އެގޮތުން މުޖުތަމައުއަށް ހިދުމަތް ކުރުމުގެ ދަތުރުގައި، މަޖީދިއްޔާ ސްކައުޓުން 2017 ވަނަ އަހަރު "ސާފު މާލެ" ގެ ނަމުގައި މާލެގެ ސަރަހައްދުތައް ސާފު ކުރުމުގެ ޕްރޮޖެކްޓެއް ވަނީ ލޯންޗް ކޮށްފަ އެވެ. މި ޕްރޮޖެކްޓުގައި މާލޭގެ ސްވިމިންގް ޓްރެކްއާއި އެތަން ވަށައިގެން ވާ ސަރަހައްދު ސާފު ކުރުމުގެ އިތުރުން އާއްމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ވަނީ ހިންގާފަ އެވެ.

ސާފު މާލޭގެ ޕްރޮޖެކްޓަށް ލިބުނު ބޮޑު ތަރުހީބާ އެކު މިއަހަރު ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ވުރެން ފުޅާ ދާއިރާއެއްގައި މާލެ ސާފު ކުރުމުގެ އައު ޕްރޮޖެކްޓެއް ފެށުމަށް މަޖީދިއްޔާ ސްކައުޓް ގްރޫޕުން ތައްޔާރުވެފައި ވާ އިރު އެ ހަރަކާތް ހިންގާނީ އެމެރިކަން ސެންޓަރ މޯލްޑިވްސްގެ އެހީތެރިކަމާ އެކު އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހަރަކާތް ރާވާ ހިންގާ ސްކައުޓް ގުރޫޕާއި ވޮލިންޓިއަރުން ގުޅިގެން ނުކުމެ މާލޭ މަގުތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ހުރި ކުނި ނަގައި ސާފު ކުރުން އޮންނާނެ އެވެ. މި ހަރަކާތް ހިންގާނީ ކޮންމެ ހުކުރު ދުވެހެއްގެ ހެނދުނު އެވެ. ދެ ގަޑި އިރަށް ވުރެން ދިގު ނޫން ވަގުތަކަށް މި ހަރަކާތް ހިންގާ އިރު ބައިވެރިންގެ މެދުގައި ގްރޫޕްތައް ބަހާލާ އެކި ސަރަހައްދުތަކުން ކުނި ނަގާނެ އެވެ.

މީގެ އިތުރުން އެދުވަހެއްގައި ނަގާ ކުނި އެއްކޮށް ބަރުދަން ބަަލައި މަހުން މަހަށް ލިބޭ ކުރިއެރުމުގެ ރިޕޯޓެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. މިދިޔަ މަހު ފެށި މި ހަރަކާތުން މިހާތަނަށް ގައިގަނޑަކަށް ތިން ޓަނުގެ ކުނި ނަގާފައިވާ އިރު 900 އަށް ވުރެން ގިނަ ވޮލަންޓިއަރުން މި ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.

މިހަރަކާތުގެ މައިގަނޑު މަގްސަދަކީ ސާފު ތާހިރު މުޖުތަމައެއް ބިނާ ކުރުމާއި ކުނީގެ ސަބަބުން ތިމާވެއްޓަށާއި މަގުތަކުގެ އިތުރުން އާންމުން ގޮސް އުޅޭ ސަރަހައްދުތަކަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުން ކަމަށް މަޖީދިއްޔާ ސްކައުޓް ގްރޫޕުން ބުނެ އެވެ.

comment ކޮމެންޓް