ވޯޓު ކަރުދާސް ބަހައްޓާ ކޮޓަރި ތެރެއަށް ފުލުހުންނަށް ނޭނގި ނުވަދެވޭނެ: ފުލުހުން

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލާން ބޭނުން ކުރާ ވޯޓު ކަރުދާސް ބަހައްޓާ ސެކިއުރިޓީ ކޮޓަރިއަށް ފުލުހުންނަށް ނޭނގި އެއްވެސް ބަޔަކަށް ނުވަދެވޭނެ ކަމަށް މިއަދު ފުލުހުން ބުނެފި އެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ފަށައިފައިވާ ބިޔަ އޮޕަރޭޝަން "ބްލޫޓައިޑް"އާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އިސްކަަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މިފަހަރުގެ އިންތިހާބުގެ ސަލާމަތީކަންކަން ވަރުގަދަވާނެ ކަމަށެވެ.

އިންތިހާބުގެ ސަލާމަތާ ބެހޭ އެންމެހާ ކަންތައްތަކާ ހަވާލުވެވަޑައިގެން ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި ކޮޓަރި ތެރެއަށް ގޮތް ނޭނގޭ ބަޔަކު ވަން ކަމަަށް ކުރި ތުހުމަތުތަކާ ގުޅިގެން މިފަހަރުގެ އިންތިހާބުގައި އެފަދަ ޝައްކެއް ނުއުފެދޭ ވަރަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުންނަށް ނޭނގި ވޯޓު ކަރުދާސް ބަހައްޓާ ކޮޓަރިތެރެއަށް ނުވަދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"މިފަހަރު ޔަގީންކަން އޮންނާނެ ސެކިއުރިޓީ ރޫމް ތެރެއަށް ފުލުހުންނަށް ނޭނގި އެއްވެސް ބަޔަކު ނުވަންވާނެ ކަން. އަދި އެތަނަށް ވަންނަ ކޮންމެ މީހަކީ އެ މީހެއްގެ މައުލޫމާތު ވަގުތުން ވަގުތަށް ނޯޓު ކުރެވޭ މީހަކަށް ވެގެންދާނެ. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ މިފަހަރު އެ ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ،"

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ހަލީމް ވިދާޅުވީ، މިހާރުވެސް ފުލުހުން ދަނީ އިލެކްޝަންސް ކޮމިޝަނާ ގުޅިގެން، ވޯޓު ކަރުދާސް ބަހައްޓާ ކޮޓަރި ތެރެއަށް ވަންނަ މީހުން ލޮގް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބާ ގުޅޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ސަރަހައްދުތަކުގައި ފުލުހުން މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި ކަންތައްތައް ދަނީ ރަނގަޅަށްތޯ ބެލުމަށް ސުޕަވައިޒަރުން ވެސް ތިބޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސްގައި ފުލުހުން ބުނީ، އޮޕަރޭޝަން "ބްލޫޓައިޑް"ގެ ދަށުން އިންތިހާބު ކުރިއަށްދާ ދުވަހު ވޯޓުލާ އެންމެހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ފުލުހުން ބަލާނެ ކަމަށެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ހުރިހާ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށާއި، އެ މަސައްކަތައް ބޭނުންވާ ވަސީލަތްތައް މިހާރު ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް