އެކެއް ފެބުރުވަރީގެ އަމުރަށް ފަހު ހިނގައި ދިޔަ ކަންތައްތަކުގެ ތެރެއިން އެމްއެންޑީއެފްގެ ވަޒީފާއިން ވަކި ކުރި އަހުމަދު ޝާނީޒްއަށް 189،000 ރުފިޔާގެ ބަދަލާ އެކު އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ޝާނީޒް ވަޒީފާއިން ވަކި ކުރީ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭރު އޭނާ ހުންނެވީ ކޯޕްރަލެއްގެ މަގާމުގަ އެވެ.
އެކެއް ފެބުރުވަރީގެ އަމުރަށް ފަހު ވަޒީފާ ގެއްލުނު ގިނަ ފަރާތްތަކުން ބަދަލާ އެކު އަލުން ވަޒީފާ ހޯދަން ކޯޓަށް މައްސަލަ ހުށަހެޅީ މިހާރުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެވެ.
އެގޮތުން ޝާނީޒްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އޭނާ ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިބިފައި ނުވާ މުސާރައާއި އިނާޔަތްތައް ހޯދުމަށް އެދި އެވެ. އަދި އޭނާއަށް އަލުން ވަޒީފާ ދިނުމަށް އެދި އެވެ.
ޝާނީޒްގެ ވަކީލު ނާޒިމް ސައްތާރު ވިދާޅުވީ، މިއަދު އެ މައްސަލަަ ނިމިފައި ވަނީ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގެ ތެރެއިން ކަމަށެވެ. އަދި ޝާނީޒްއަށް އެއް އަހަރު ދުވަހުގެ ބަދަލުގެ ގޮތުގައި 189،000 ރުފިޔާ ދޭން ހުކުމް ކުރި ކަމަށް ވިދާޅުވި އެވެ.
އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ވަޒީފާއިން ވަކިކުރި ސްޓާފް ސާޖަންޓް އިބްރާހިމް ސިމާދުގެ ވަޒީފާވެސް ބަދަލާ އެކު އަލުން ދޭން ސިވިލް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ. ސިމާދަށް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރީ 212،000 ރުފިޔާ އެވެ.
ސިމާދާއި ޝާނީޒް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އޭރުގެ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.