ތައިލެންޑުގެ 7 ޕާޓީއަކުން ކޯލިޝަން ހަދައި، މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ކަމަށް ބުނެފި

ތައިލޭންޑުގެ އިދިކޮޅު ހަތް ޕާޓީއަކުން ވަނީ ކޯލިޝަނެއް ހަދާފަ -- ފޮޓޯ: ސްޓްރެއިޓްސް ޓައިމްސް

ބޭންކޮކް (މާޗް 27): ތައިލޭންޑުގެ ސަރުކާރާ އިދިކޮޅު ޕުއޭ ތައި ޕާޓީން ހަ ޕާޓީއަކާ އެކު ކޯލިޝަނެއް ހަދައި، ޕާލިމެންޓުގެ ތިރީގޭގެ އަޣުލަބިއްޔަތު ލިބިއްޖެ ކަމަށް ބުނެފަ އެވެ.

އެކޯލިޝަނުގައި ހިމެނެނީ ޕުއޭ ތައި ޕާޓީގެ އިތުރުން ފިއުޗާ ފޯވާޑް، ތައި ލިބެރަލް، ޕްރަޗާތު، ޕުއޭ ޗާތު، ނިއު އިކޮނޮމިކްސް ޕާޓީ އަދި ތައި ޕީޕަލް ޕަވާ ޕާޓީ އެވެ. ޕުއޭ ތައި ޕާޓީން ބޮޑުވަޒީރު ކަމަށް ނޮމިނޭޓުކޮށްފައިވާ ސުދާރަތު ކެޔުރަޕަން ވިދާޅުވި ގޮތުގައި އެކޯލިޝަނުގައި 255 މަޖިލިސް މެމްބަރުން ހިމެނެ އެވެ.

ތައިލޭންޑުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުލާފައި ވަނީ ޕާލިމެންޓުގެ ތިރީގޭގެ 500 ގޮނޑިއަށް މެމްބަރުން އައްޔަން ކުރުމަށެވެ. އަދި އެގައުމުގެ ޕާލިމެންޓުގެ މަތީގޭގެ 250 މެމްބަރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ އަސްކަރިއްޔާގެ އަތުގަ އެވެ.

ތައިލޭންޑުގެ ގާނޫނު އަސާސީގައިވާ ގޮތުން ބޮޑުވަޒީރު ކަމަށް ކެނޑިޑޭޓަކު އައްޔަން ކުރެވޭނީ އެމީހަކަށް މަޖިލީހުގެ ދެގެއިން ޖުމްލަ 376 ވޯޓު ލިބުމުންނެވެ. އެހެންކަމުން ޕުއޭ ތައި ޕާޓީ ކޯލިޝަނުގެ ކެނޑިޑޭޓު ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވުމަކީ ނާދިރު ކަމެކެވެ.

ތައިލޭންޑުގެ އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް ބެލެވެނީ މެއި ނުވައެއްގަ އެވެ. މިހާތަނަށް އެކޮމިޝަނުން އިއުލާން ކުރި ވަގުތީ ނަތީޖާތަކުގައިވާ ގޮތުން އަސްކަރިއްޔާގެ ޕަލަންގް ޕްރަޗަރަތް ޕާޓީއަށް ވަނީ 7.5 މިލިއަން ވޯޓު ލިބިފަ އެވެ. އަދި ޕުއޭ ތައި ޕާޓީއަށް ލިބުނީ ހަތް މިލިއަން ވޯޓެވެ.

comment ކޮމެންޓް