ދާދު މާޒިޔާގައި އިތުރު ތިން އަހަރު މަޑު ކުރަމަށް ނިންމައިފި

ނާއިޒް ހަސަން (ދާދު)ގެ ކޮންޓްރެކްޓް މާޒިޔާއިން އިތުރުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ގައުމީ ޓީމުގެ ހުނަރުވެރި ފޯވާޑް، ނާއިޒް ހަސަން (ދާދު) ކުރިއަށް އޮތް ތިން ސީޒަނުގައި ވެސް މާޒިޔާ ސްޕޯޓްސް ކުލަބުގައި މަޑު ކުުރުމަށް ނިންމައިފި އެވެ.

ޓީސީ ސްޕޯޓްސް ކުލަބާ އެކު ބޮޑެތި ކާމިޔާބީތައް ހޯދުމަށްފަހު ދާދު މާޒިޔާއަށް ސޮއި ކުރީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ ވޭތުވެ ދިޔަ އަހަރުގެ ދިވެހި ލީގު މާޒިޔާއިން ހޯދި އިރު އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާ މުހިންމު ގޯލުތަކެއް ޖަހައިދީފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން ނާއިޒް ހުސައިން (ދާދު) ބޯޅަ ހިފައިގެން ކުރިއަށް ދަނީ --- ފޮޓޯ/ އެފްއޭއެމް

މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ޓީސީ ސްޕޯޓްސް ކުލަބު އޮތް އިރު ދާދު ޓީސީއާ ގުޅުނު އިރު އޭނަގެ އުމުރަކީ އެންމެ 19 އަހަރެވެ. އެ އަހަރު ޓީސީ އިން ލީގުގެ ދެވަނަ ހޯދުމުގައި އިސް ދައުރެއް އަދާ ކުރި ދާދު ވަނީ އެ އަހަރުގެ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

ދާދު އެންމެ ފާހަގަ ކޮށްލެވެނީ 2017 ވަނަ އަހަރު ބަންގަލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕުގެ ޗެމްޕިއަންކަން ޓީސީ ހޯދި އިރު ދެއްކި މޮޅު ކުޅުމަށެވެ.

މީގެ އިތުރުން ދާދު ވަނީ ވޭތުވެ ދިޔަ އަހަރު އޮތް ސާފު ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރި އިރު ޓީމުގައި ހިމެނި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓްރާންސްފާ މާކެޓް އެންމެ ހަލަބޮލިވެފައި ވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލުކުރަމުންނެވެ. އެގޮތުން މާޒިޔާއިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއިކޮށް ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރަމުންނެވެ.

އެގޮތުން ޓީސީއާއި މިދިޔަ އަހަރުގެ ލީގު ކާމިޔާބު ކުރި އިބްރާހިމް ވަހީދު (އިއްްބެ)އާއި ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) އަދި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ގެ އަބްދުﷲ ހަނީފް (ބެންޖޯ) ގެ އިތުރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް ވަނީ އެ ޓީމާ ގުޅިފައެވެ.

އަދި ވޭތުވެ ދިޔަ ސީޒަނުގައި ވެސް އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިދީފައިވާ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި ޓީމުގެ ފަހަތް ބަލަހައްޓަމުން އަންނަ ތިން ކުޅުންތެރިން ކަމަށްވާ މުޖުތާޒް މުހައްމަދު (މުޖޭ)އާއި ސަމޫހު އަލީ (ސަމުއްޓެ) އަދި އަމްދާން އަލީ (އެންޑީ)ވެސް ވަނީ އެ ޓީމުގައި މަޑު ކުރަން ނިންމާފައެވެ. އަދި އޭގެ އިތުރުން އެ ޓީމުގެ މެދުތެރެ ބަލަހައްޓަމުން އަންނަ މުހައްމަދު އިރުފާން (އިރޭ) އަދި ހަސަން ޝިފާޒް (ޑުންގާ)ވެސް ވަނީ މާޒިޔާއެކު ކޮންޓްރެކްޓް އިތުރުކޮށްފައެވެ.

މިދިޔަ އަހަރު މާޒިޔާގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން މި ސީޒަނުގައި އެ ޓީމުން ނުފެންނާނެއެވެ. ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރީންތަކެއް ވަނީ އެހެން ޓީމުތަކާ ގުޅިފައެވެ. އެގޮތުން އިސްމާއީލް އީސާ (މެސީ) ޓީސީއަށް ބަދަލުވި އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއިކޮށްފައެވެ. އަދި އަހުމަދު އިމާޒް (އާއްކޮ) ވަނީ ދާދި ފަހުން ދަ ގްރާންޑޭއަށް ސޮއިކޮށްފައެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ މި ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗުކަމާ ހަވާލުވުމަށް އެއްބަސް ވެފައެވެ. އަދި މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާއި ހަވާލުވާނެ ފަރާތެއް އަދި އެ ކުލަބުން އަންގާފައެއް ނުވެއެވެ.

comment ކޮމެންޓް