އާޖެންޓީނާއަށް ބަލި ނުކުރެވުނު ވެނެޒުއެލާ، ޕީކޭގެ ކެޓަލޫންޏާއިން ބަލިކޮށްފި

ކެޓަލޫންޏާގެ ގައުމީ ޓީމާ އެކު ޖެރާޑް ޕީކޭ ހަރަކާތްތެރި ވަނީ --- ފޮޓޯ/ ސަޗާ ޕިސަނީ

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ގަދަ އެއްބާރުގެ ގޮތުގައި ފާހަގަ ވެފައިވާ އާޖެންޓީނާ ބަލިކޮށް ވެނެޒުއެލާއިން އުފާފާޅު ކުރަމުން ދިޔަ ދިޔުން ޕީކޭގެ ކެޓަލޫންޏާގެ ޓީމުން ހުއްޓުވައިފި އެވެ.

ސްޕެއިންގެ ޖިރޯނާގެ ދަނޑުގައި ރޭ ކުޅުނު އެކުވެރި ކަމުގެ މެޗުގައި ވެނެޒުއެލާގެ މައްޗަށް ކެޓަލޫންޏާއިން ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ދެކެމުންދާ ލިއޮނެލް މެސީ ހިމެނިގެން އާޖެންޓީނާއިން މިދިޔަ ހަފްތާގައި ވެނެޒުއެލާއާ ބައްދަލު ކުރި މެޗުން އާޖެންޓީނާ ބަލިވީ 1-3 ގެ ނަތީޖާ އަކުންނެވެ.

ސްޕެއިންގެ އެންމެ އިރު އުތުރުގައިވާ ކެޓަލޫންޏާ އަކީ އަމިއްލަ ސަރުކާރެއް ހިންގުމުގެ ބާރު ލިބިފައިވީ ނަމަވެސް ސްޕެއިންގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ ބާސެލޯނާ އަކީ ވެސް މި ސަރަހައްދަށް ނިސްބަތްވާ ޓީމެކެވެ.

ފީފާ އަދި ޔޫއެފާގެ ރަޖިސްޓްރޭޝަން ލިބިފައި ނުވި ނަމަވެސް ކެޓަލޫންޏާ ދަނީ ބައެއް ބޮޑެތި ގައުމުތަކާ ވާދަކޮށް ރަނގަޅު ނަތީޖާތައް ހޯދަމުންނެވެ. އަމިއްލަ ދައުލަތެއް ބިނާކޮށް ގައުމެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ކެޓަލޫންޏާގެ ރައްޔިތުންގެ މެދުގައި މީގެ ކުރިން ވޯޓެއް ނަގަން ހުށައެޅުމުން ސްޕެއިންގެ ސިފައިންނާއި ފުލުހުން ވެގެން ވަނީ އެ ވޯޓު ހުއްޓުވާފަ އެވެ.

މަޝްހޫރު ކުޅުންތެރިންތަކެއްގެ ވެރިރަށް ކަމަށްވާ ކެޓަލޫންޏާ ވަކި ގައުމެއްގެ ގޮތުގައި ސްޕެއިންއިން ވަކިވެއްޖެ ނަމަ ސްޕެއިންގެ އާބާދީއަށާއި ޖީޑީޕީއަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެ ގައުމުގެ ފުޓުބޯޅަ ލީގުގެ ފޯރި ގެއްލިގެން ދާނެ ކަމަށް ގިނަ ބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ.

ބާސެލޯނާއަށް ކުޅެމުން އަންނަ މަޝްހޫރު ޑިފެންޑަރު ޖެރާޑް ޕީކޭއާއި ސްޓޯކް ސިޓީގެ ފޯވާޑް ބޯޖާންގެ އިތުރުން ވިލަރެއާލްގެ ޑިފެންޑަރު މާކް ބާޓްރާ ހިމެނިގެން ރޭ ވެނެޒުއެލާއާ ބައްދަލު ކުރި މެޗުގައި ކެޓަލޫންޏާއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމާ އެކު ވޯލްޑް ކަޕުގެ އިތުރުން ދެފަހަރެއްގެ މަތިން ޔޫރޯ ވެސް ހޯދާފައިވާ ޖެރާޑް ޕީކޭ ގައުމީ ޓީމުން ރިޓަޔާ ކުރީ ވޭތުވެ ދިޔަ އަހަަރު އޮތް ވޯލްޑް ކަޕުގެ ނާކާމީޔާބީއަށް ފަހު އެވެ. ރޭގެ މެޗަކީ ޕީކޭ ކެޓަލޫންޏާއަށް ކުޅެދިން 10 ވަނަ މެޗެވެ.

comment ކޮމެންޓް