ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ސަރުކާރަށް އެއްބާރުލުންދޭ މެމްބަރަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީއާ އެކު ހަތް ބޭފުޅަކު ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވަ އެވެ. ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ ދާއިރާތަކުގެ ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރުމަށް ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަޖިލިސް ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައްޖޭގެ ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަން ކަމަށާއި ހެންވޭރު އުތުރުގެ ރައްޔިތުންވެސް އެކަން ތަހައްމަލު ކުރަމުން ދާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޮވިއްޖެއްޔާ މިކަންކަމަށް ވަކާލާތު ކުރާނަން. ކަންކަން ހައްލުކުރަން ސަރުކާރަށް އެއްބާރުލުން ދޭނަން." ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ނުފޫޒުތަކުން އެއްކިބާވެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭ ދަރިއެއް ކަމަށާއި ދާއިރާގެ އެ ދަރިއަކީ އޭނާ ކަމަށެވެ. ޝައިނީ ވަނީ ސަރުކާރު ވަޒީފާގައި އޭނާ ކުރި ތަޖުރިބާތައް މިއަދު ބަހުސްގައި ހިއްސާ ކުރައްވާފަ އެވެ. އެންމެ ފުރަތަމަ މަސައްކަތް ފެށީ އުމުރުން 16 އަހަރުގައި ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އަޅުގަނޑު މަސައްކަތް ފެށީ ގުދަނެއްގެ ތެރޭގައި ކަނދުފަތި ބޮއިއެޅުމުގެ މަސައްކަތުން. އެ ފެށި މަސައްކަތް އަޅުގަނޑު ނިންމާލީ ވަޒީރަކާ ހިސާބުން. އެހެންވީމާ ސަރުކާރުގެ ހުރިހާ ލެވެލްއެއްގައި މަސައްކަތްކޮށް އަޅުގަނޑަށް އެބައެނގޭ ކޮބައިތޯ ސަރުކާރުގެ ތެރެއިން ކުރަންވާ ކަންތައްތަކަކީ. ނުވަތަ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަކީ." ޝައިނީ ވިދާޅުވި އެވެ.
ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެމްބަރަކީ ފަސް އަހަރުން އެއް ފަހަރު ރައްޔިތުން ކަައިރިއަށް ދާ މެމްބަރަކަށް ވެގެން ނުވާނެ ކަމަށް ޝައިނީ ވިދާޅުވި އެެވެ.
ޝައިނީ ވިދާޅުވީ އެޖެންޑާ 19 ނޫނީ އެހެންވެސް އެޖެންޑާއަކަށް ވޯޓު ލައިގެން ރައްޔިތުން ހާސިލުކުރަން ބޭނުންވާ ކަންކަން ނުވާނެ ކަމަށެވެ. އަދި އެޖެންޑާ 19 އަކީ ހުސް ވާހަކަތަކެއް ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.
"އެޖެންޑާ 19 އަކަށް ނުވަތަ އެހެން އެޖެންޑާއަކަށް ވޯޓުދީގެން އެއީ ކުރިއަށް ދެވޭނެ ގޮތެއް ނޫން." ޝައިނީ ވިދާޅުވި އެވެ.