ގާސިމް ވެސް ނަހުލާ ވެސް ވިދާޅުވަނީ، ދެމަފިރިކަނބަލުން ވަކިވުމެއް ނެތް ކަމަށް!

ގާސިމްއާއި ނަހުލާ: ދެކަނބަލުންވެސް ވިދާޅުވަނީ ވަކިވުމެއް ނެތް ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ދެ ބޭފުޅުންގެ ގުޅުމަކީ ދުވަހަކު ވެސް ވަކި ނުވާނެ ގުޅުމެއް ކަމަށް ދެ ބޭފޫޅުން ވެސް ސިފަކުރައްވައިފި އެވެ.

ނަހުލާ އާއި ގާސިމްގެ ގުޅުން ހީނަރުވެފައިވާ ކަމަށް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި އެކި އިރު އެކި ގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީން ރޭ އދ. މާމިގިލީގައި ބޭއްވި ގާސިމްގެ ކެމްޕްއިން އިފްތިތާހު ކުރުމުގެ ޖަލްސާގައިި ދެކަނބަލުން ވެސް ވާނީ އެ ގުޅުމަކީ ވަކި ނުވާނެ ގުޅުމެއް ކަމަށް ވިދާޅުވެފަ އެވެ.

ގާސިމްގެ ކެމްޕެއިން އިފްތިތާހީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އަނިބިކަބަލުން ނަހުލާ، ފިރިކަލުންނާ ގުޅޭ ގޮތުން ވިދާޅުވީ، ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ގާސިމްއާއި އޭނާއާ ދެމެދު އޮތް ގުޅުން ވަކި ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑު ނޫނީ އެހާ ބޮޑު ހައްގެއް ލިބިފައިވާ ފަރާތެއް ނެތް ކަންކަން ނޭނގެ ގާސިމްގެ ފަހަތުގައި ނުކުންނަން. ކޮންމެ ހައިސިއްޔަތަކުން ވިޔަސް. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އަޅުގަނޑު ދަންނަވާނީ ގާސިމާ އަޅުގަނޑާ ވަތްކެއް ނުވާނޭ." ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ގާސިމް ސިފަ ކުރެއްވީ، އޯގާތެރި، ދީލަތި ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ، އައިލާގެ ކަންތައްތަކަށް ވުރެ ވެސް ބޮޑަށް ގާސިމް އިސްކަންދެއްވަނީ ރައްޔިތުންގެ ކަންތައްތަކަށް ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަން ފައްޓަވައި ގާސިމް ފުރަތަމަ ވެސް "ފަށްފަށުން ޝުކުރު" އަދާ ކުރެއްވީ އަނބިކަބަލުން ނަހުލާ ދެއްކެވި ވާހަކަތަކަށެވެ.

"ކަމަނާ ވިދާޅުވި ފަދައިން ދުވަހަކު ވެސް އަޅުގަނޑުމެން ވަކިވުމެއް ނެތް" ނަހުލާ ގާސިމްއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ވާހަކަތަކަށް ޝުކުރު ދަންނަވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނާއި ނަހުލާއާ ދެކަނބަލުންގެ މެދުގައި އޮތީ "އިލާހީ ގުދުރަތީ" ގުޅުމެއް ކަމަށާއި ދެކަނބަލުން ވަކިވެގެން ދާނީ، އެކަކު އަނެކަކުގެ ފުރާނައާ އެކު ކަމަށެވެ.

މިއީ ގާސިމް އާއި ނަހުލާ އާ ދެ ބޭފުޅުން އާންމުންގެ ތެރޭގައި ދެކަނބަލުންގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

https://sun.mv/117157

comment ކޮމެންޓް