މޮމްސް އެމްވީއިން ކުލަގަދަ އާއިލީ ހަވީރެއް ބާއްވައިފި

މަންމައިންގެ ޖަމިއްޔާގެ ފަރާތުން އިއްޔެ ބޭއްވުނު އާއިލީ ހަވީރުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

ދިވެހި ރާއްޖޭގެ މަންމައިންގެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން އޭޑީކޭއާއި މީޑިއާނެޓުގެ އެހީތެރިކަމާ އެކު އާއިލާތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމުގެ މަގުސަދުގައި ކުލަގަދަ އާއިލީ ހަވީރެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ބޭއްވުނު މި އާއިލީ ހަވީރަކީ މަންމައިންގެ ޖަމިއްޔާއެއް ކަމަށްވާ މޮމްސް އެމްވީގެ އިސްނެގުމުގެ މަތިން ބޭއްވުނު ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުނު މައިގަނޑު މަގުސަދަކީ މިއަހަރުގެ މަންމައިންގެ ދުވަހާއި ކުޑަ ކުދިންގެ ދުވަސް ރޯދަ މަހާއި ދިމާވާތީ އެ ދުވަސްވަރުގެ ގޮތުން އެކަށީގެންވާ ފަދަ ގޮތަކަށް އެ ދުވަސްތައް ފާހަގަ ނުކުރެވިދާނެތީއެވެ.

މޮމްސް އެމްވީއަކީ ފޭސްބުކުގައި އުފެދުނު ގްރޫޕެކެވެ. ރާއްޖޭގެ އެކި އެކި ސަރަހައްދުތަކުގެ މަންމައިންގެ މެދުގައި ގާއިމުވި މި ގްރޫޕް ދުވަހަކުން ދުވަހަކަށް ބޮޑުވެ ފުޅާވަމުން ގޮސް މިހާރު އެ ގްރޫޕް ވަނީ އެންޖީއޯއެއްގެ ގޮތުގައި ރަޖިސްޓްރީ ވެސް ކޮށްފައެވެ.

"މޮމްސް" މި ބަހުގެ މުރާދެއްގެ ގޮތުގައި އެ ޖަމިއްޔާއިން ބޭނުން ކުރާ މާނަ އަކީ، "މޮމްސް އޮފަރިންގް މޮމްސް ސަޕޯޓް" މިފަދައިންނެވެ. މަންމައިން އެހެން މަންމައިންނަށް އެހީތެރިވެދިނުމުގެ ނަމުގައި ހިންގާ މި ޖަމިއްޔާ އަކީ ރާއްޖޭގެ އެކި އެކި ހިސާބުގައި ހާލުގައި ދިރިއުޅެމުންދާ މަންމައިންނަށް އެކި ގޮތްގޮތުން އެހީ ތެރިކަން ފޯރު ކޮށްދިނުމަށް އުފެދިގެން އައި ޖަމިއްޔާ އެކެވެ.

މަންމައިންގެ ޖަމިއްޔާގެ ފަރާތުން އިއްޔެ ބޭއްވުނު އާއިލީ ހަވީރުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

އާއިލީ ކުޅިވަރު ހަވީރެއްގެ ގޮތުގައި އިއްޔެ ބޭއްވުނު ހަރަކާތައް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެ ހަރަކާތުގައި ބައިވެރި ވުމަށް ވިއްކުނު ޓިކެޓުތަކުން ލިބުނު ފައިސާ ހަރަދު ކުރާނީ ޖަމިއްޔާގައި ހިމެނޭ ފުއްދުންތެރިކަން ނެތް މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މޮމްސް އެމްވީއިން ބުނެއެވެ.

އެ ހަރަކާތުގައި 100 ރުފިޔާއަށް ޓިކެޓް ވިއްކާފައިވާ އިރު އެކަށީގެންވާ ތަރުހީބެއް ބައިވެރިންގެ ފަރާތުން ލިބުނު ކަމަށާއި މި ހަރަކާތުގައި މަންމައިންނާއި ބައްޕައިން އަދި ދަރިންނަށް ހާއްސަ ކުޅިވަރުތަކެއް ހުރުމުގެ ސަބަބުން ހަރަކާތް ދިޔައީ ވަރަށް ވެސް އުފާވެރި ގޮތަކަށް ކަމަށް ހަރަކާތް އިންތިޒާމު ކުރި މަންމައިންގެ ޖަމިއްޔާއިން ބުނެ އެވެ.

comment ކޮމެންޓް