މަޖިލީހުގައި ތިބެންވީ މިލިޔަނަރުން، އެއިރުން ރިޝްވަތެއް ނުނަގާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ސަން ފައިލް ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގައި ތިބެންވީ މިލިއަނަރުން ކަމަށާއި އެއިރުން އެ މެމްބަރުން ރިޝްވަތެއް ނުނަގާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ. ދިގުރަށުގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަޖިލީހަށް ކުރިމަތިލަނީ ފުދުންތެރިން ކަމަށެވެ.

"އެމީހާ އަމިއަލައަށް ކައިގެން ބޮއެގެން އުޅެވޭނެވަރު ނެތް މީހަކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލައިގެން ހޮވުނީމަ ވިދާޅުވެ ބައްލަވާ ދެން ކިހިނެތްތޯ ވާނީ. މުއްސަނދިންނޭ މަހުޖަނުންނޭ މިލިޔަނަރުންނޭ ކިޔައިގެން ވާހަކަ ދައްކާއިރު، މިލިޔަނަރުން ތިބެންވީ އެތަންތާގައި. އޭރުން އެ ވިދާޅުވާ ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ،" ގާސިމް ވިދާޅުވިއެވެ.

ފުދުންތެރިކަމެއް ނެތް ބޭފުޅަކު މަޖިލީހަށް އިންތިޚާބު ވެއްޖެނަމަ އެބޭފުޅަކު ބަލާނީ އަމިއްލަ ޖީބު ފުރޭތޯ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި ގައުމަށް ނިކަމެތިކަން އަންނާނެ ފަދަ ކަމެއް ވުމަށް އޭނާ ނޭދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އޭނައާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މައްސަލަ އަކީ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށްދޭން އެމްޑީޕީން އެއްބަސްވި 25 ޕަސެންޓު ނުދިނުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމާއެކު ކޯލިޝަން ހަދަން އެ ޕާޓީއަށް މަޖުބޫރުވީ އެމްޑީޕީން އެއްބަސްވުމާ ޚިލާފުވުމުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ އެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދައިގެން އެ ޕާޓީއަށް ހަ ގޮނޑިވެސް ނުލިބޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ގާސިމް ވަނީ ރައްދު ދެއްވާފައެވެ.

ގާސިމް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ލިބޭނީ ކިތައް ގޮނޑިކަން ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި ރައީސް ނަޝީދު އެފަދަ ވާހަކަފުޅެއް ދައްކަވަނީ އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް