ލ. ފޮނަދޫގައި ސަރުކާރުން މީގެ ދެއަހަރު ކުރިން ގާއިމު ކޮށްފައި ހުރި ހައުސިންގް ޔުނިޓްތަކަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
އެ ހައުސިންގް ޔުނިޓްތަކަކީ އެ އަތޮޅު ގާދޫގައި ތިބި ރައްތިޔުން ފޮނަދޫއަށް ބަދަލުކުރި އިރު، އިމާރާތްކުރި ހައުސިންގް ޔުނިޓްތަކެކެވެ. އެއީ ގާދޫ އަދި ފޮނަދޫ ރައްޔިތުންނަށް ހާއްސަކޮށް އަޅާފައި ހުރި ހައުސިންގް ޔުނިޓްތަކެކެވެ.
އިއްޔެ ހައުސިންގް މިނިސްޓްރީ އާއި ފެނަކައާ ދެމެދު ވަނީ އެ ހައުސިންގް ޔުނިޓްތަކަށް ކަރަންޓު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފެނަކައާ ހަވާލުކޮށްފަ އެވެ. ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފެނައިކައިގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.
Agreement signed with @TeamFenaka FENAKA Corporation Ltd for provision of utilities for 50 housing units at L. Fonadhoo. pic.twitter.com/pHaNxsPa4w
— housing.gov.mv (@HousingGovMv) March 21, 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އެ ހައުސިންގް ޔުނިޓްތަކާ ބެހޭ ގޮތުން ގާދޫގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ހައުސިންގް ޔުނިޓްތައް ސަރުކާރުން ގާދޫގެ ބައެއް ރައްޔިތުންނާ ހަވާލު ނުކުރުމުގެ ސަބަބުން އެމީޙުން ދިރިއުޅެން ޖެހުނީ ކުލި ދައްކައިގެން ކަމަށް އެމީހުން ފާހަގަ ކުރެ އެވެ.
އަދި އެ ކުލި ސަރުކާރުން ދައްކައިދޭނެ ކަމަށް ބުނި ނަމަވެސް ކުލި ދައްކައި ނުދީ ހުރުމުން އެކަމުގެ ޝަކުވާ ރައީސް ސޯލިހަށް ހުށަހެޅި އެވެ.
ހައުސިންގް ޔުނިޓްތަކުގެ އިތުރުން ލ. ފޮނަދޫގެ މަގުތަތައް ހަދަންވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.