އިންޓަނެޓް އަގުހެޔޮ ކުރާނީ ދެފަރާތަށް ވެސް ފައިދާވާ ގޮތަށް: މަލީހް

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް (ވ) ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި އިންޓަނެޓް އަގުހެޔޮކުރާނީ އެ ހިދުމަތްދޭ ފަރާތްތަކާއި އަދި ކަސްޓަމަރުންނަށް ވެސް ފައިދާވާ ގޮތަށް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި މަލީހް މިއަދު ވިދާޅުވީ އެހެން ގައުމުތަކާ އަޅާ ބަލާ އިރު ރާއްޖޭގައި އިންޓަނެޓްގެ އަގުބޮޑުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރު އިންޓަނެޓް އަގުހެޔޮކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެ ފަރާތަށް ވެސް ވިން-ވިން ވާނެ ގޮތަށް އަގުހެޔޮކުރުމަށް މި މަސައްކަތް ކުރަމުންދަނީ،" މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ އިންޓަނެޓް އަގުހެޔޮކުރުމުގެ ގޮތުން އުރީދޫ އަދި ދިރާގުގެ އިސް ބޭފުޅުންނާ މިހާރު ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިންޓަނެޓް އަގޮ ހެޔޮކުރުމަށް ކުރަން ޖެހޭ ދިރާސާތައް ކޮމިއުނިކޭޝަން އޮތޯރިޓީ އިން ޖެނުއަރީ މަހު ވަނީ ފަށައިފަ އެވެ.

"އަޅުގަނޑުމެން މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތް ދޭ 26 ގައުމެއްގެ ސާމްޕަލް ނަގާފައި. އެ ސާމްޕަލިން ނެގި އިރު އަޅުގަނޑުމެން ބެލިން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކާއި އެންމެ ކުރިއަރައިފައިވާ ގައުމުތަކުގައި ހިދުމަތްދޭ އަގުތަކާއި އެ ގައުމުތަކުގެ އާބާދީއާ ފަދަ ކަންތައްތަކަށް،" މަލީހް ވިދާޅުވި އެވެ.

comment ކޮމެންޓް