މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމުގެ އެންމެ ފަހު މެޗުގައި ސާ އެލެކްސް ފާގަސަން ބޭނުންކުރި ޗުވިންގަމް ކޮޅެއް 390،000 ޕައުންޑަށް ވިއްކާލައިފި އެވެ.
ފާގަސަން ޔުނައިޓެޑްގެ ކޯޗުކަމުގައި 26 އަހަރު މަޑު ކުރުމަށް ފަހު 2013 ވަނަ އަހަރު ރިޓަޔާ ކުރި އިރު އޭނާ ވަނީ އެ ޓީމަށް 1500 މެޗުގައި ކޯޗުކަން ކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ގާގަނޑަކަށް 3000 ޕެކެޓުގެ ޗުވިންގަމް ފާގަސަން ހަފާފައި ވާނެ ކަމަށް ބެލެވޭ ކަމަށް އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ސްޕޯޓް ބައިބަލްގައި ވަނީ ބުނެފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ވާދަ ކުރާ ކޮންމެ މެޗެއްގައި ވެސް ފާގަސަންއާ ދިމާއަށް ކެމެރާގެ ޝޮޓް ގެންދާ ވަގުތު ފެނިގެންދާނީ އޭނާގެ އަނގާގައިވާ ޗުވިންގަމް ކޮޅެއް ހަފަމުންދާ މަންޒަރެވެ. އަދި ޔުނައިޓެޑް ބަލިވަމުންދާ ނަމަ އޭނަގެ ޗުވިންގަމް ހެފުން އަވަސް ވެގެން ދާނެ އެވެ. މިކަމުގެ ސަބަބުން ފާގަސަން ހިތްހަމަ ނުޖެހޭ ވަގުތުތަކާއި މާޔޫސްވާ ވަގުތުތައް ވަރަށް ފަސޭހައިން ބަލާ ބަޔަކަށް ފާހަގަ ކުރެވޭނެ އެވެ.
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކޯޗު ކަމުގައި ގިނަ ބަޔަކު އިއްތިފާގުވާ ފާގަސަން، މެންޗެސްޓާ ޔުނައިޓެޑްއަށް އެންމެ ފަހުން ކޯޗުކަން ކޮށްދިން މެޗުގައި 5-5 ގެ ނަތީޖާއިން ވެސްޓް ބްރޯމްއާ ކުޅެ، ވަނީ އެއްވަރުވެފަ އެވެ. އެ މެޗުގައި ވެސްޓް ބްރޯމް ޓީމުގެ މެސްކޮޓްއެއް ވަނީ ފާގަސަންއަށް ޗުވިންގަމް ޕެކެޓެއް ހަދިޔާކޮށްފަ އެވެ.
މެޗު ނިމުމަށް ފަހު އޭނަގެ ސަޕޯޓަރެއްގެ އެދުމުގެ މަތިން ފާގަސަން ހަފަމުން ގެންދިޔަ ޗްވިންގަމް ވަނީ އެ ސަޕޯޓަރަށް ދީފަ އެވެ. އަދި އެއަށް ފަހު އެ ސަޕޯޓަރު ވަނީ އެ ޗުވިިންގަމް ކޮޅު އީބޭއަށް ލައި ބިޑް ކުރުމަށް ހުޅުވާލާފަ އެވެ. އޭނަ އީބޭގައި ޖަހާފައިވާ ޕޯސްޓްގައި ބުނެފައި ވަނީ ފާގަސަން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމުގައި ހުރި އެންމެ ފަހު މެޗުގައި އޭނާ ބޭނުން ކުރި ޗުވިންގަމް ކޮޅު ވިއްކާނީ އެންމެ މަތިން ބިޑް ކުރާ ފަރާތަށް ކަމަށެވެ.
އަދި ދާދި ފަހުން އެ ޗުވިންގަމް ކޮޅު 390،000 ޕައުންޑްގެ އަގަކަށް ވިއްކާލާފައިވާ އިރު އޭގެން ލިބުނު ހުރިހާ ފައިސާއެއް ހަރަދު ކުރާނީ އެހީއަށް ބޭނުން ޖެހިފައިވާ މީހުނަށް ހަރަދު ކުރުމަށް ކަމަށް އެ ވިއްކާލި ސަޕޯޓަރު ވަނީ ބުނެފަ އެވެ.