މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އެއް ކުލަބެއްގައި އެތައް އަހަރެއް ވަންދެން ދެމެހެއްޓި ފަދަ ލެގަސީއެއް ދަމަހައްޓަން ބޭނުން ނުވާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ބުރޮޝިއާ މޮންޗެންގްލަޑްބަޗް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް، ގްރޫޕުގެ އެއްްވަނައިގެ ގޮތުގައި ރެއާލް ވަނީ ދަތުރު ކޮށްފަ އެވެ. ރޭގެ މެޗަށް ރެއާލުން ނުކުން އިރު، މެޗުން މޮޅުވާން މަޖުބޫރުވެފައި އޮތުމާއެކު އެ ޓީމަށް އޮތީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. ހާއްސަކޮށް ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާންގެ މަގާމާ ދޭތެރޭ ވެސް ސުވާލު އުފެދިފައި އޮތް އިރު، އެ މެޗުގެ ކާމިޔާބީއާ އެކު ޒިދާންއަށް އޮތް ޕްރެޝަރު ވަނީ ކުޑަވެފަ އެވެ.
ރެއާލްގެ ކޯޗުކަމަށް ދެވަނަ ފަހަރަކަށް އެނބުރި އައިސް ކުރިން ހޯދި ކާމިޔާބީ ތަކުރާރު ކުރުމަށް ޒިދާން މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ވަނީ މީގެ ކުރިން ޖެހި ޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ރެކޯޑް ހަދައިފަ އެވެ. ނަމަވެސް އެކާމިޔާބީއަށްފަހު ރެއާލްގެ ކޯޗުކަމުން އިސްތިއުފާ ދިން ޒިދާން ވަނީ އޭގެ އަހަރެއް ފަހުން އަނެއްކާވެސް އެ ޓީމުގެ އާދޭހަށް ޓީމާ ހަވާލުވެފަ އެވެ.
ޒިދާންގެ ފުޓުބޯޅަ ކެރިއަރުގައި ހޯދި ބޮޑު ކާމިޔާބީއަށްފަހު ކޯޗިންގް ކެރިއަރުގައި ވެސް ރަނގަޅު ހިސާބަކަށް އައިސްފައިވާ އިރު، ފަހުގެ ފުޓުބޯޅައިގެ އެންމެ ގިނަ ކާމިޔާބީތައް ހޯދި ޔުނައިޓެޑްގެ ކުރީގެ ކޯޗު ފާގަސަންގެ ލެގަސީ ރެއާލްގައި ޒިދާން ދެމެހެއްޓުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. އެހެން ނަމަވެސް އެފަދަ ލެގަސީއެއް ބިނާކުރަން ބޭނުން ނުވާކަން ޒިދާން ވަނީ ހާމަކޮށްފަ އެވެ.
"އަހަރެން ބޭނުމެއް ނޫން ރެއާލް މެޑްރިޑްގެ ފާގަސަންއަކަށް ވާކަށް. އަހަރެންނަކަށް ނޭންގޭ ކިހާ ދުވަހެއްގައި ކަމެއް މިކަން ކުރެވޭނީ. އަޒުމަކީ މިހާރު ކުރަމުން މިދާ މަސައްކަތް ވީހާވެސް ރަނގަޅަށް ކުރުން،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ، މިވަގުތު އެންމެ މުހިއްމު ކަމަކީ މިހާރު ހިނގަމުންދާ ކަންކަމަށް ވިސްނުން ކަމަށާއި، ފަހުން ކަންތައް ވާނޭ ގޮތަށް ފޯކަސް ކޮށްގެން ކުރިއަށް ދެވެން ނެތް ކަމަށެވެ.